ގދ. ގައްދޫ ހުކުރު މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނިގެން ވަގުތީ ގޮތުން އެ މިސްކިތް ބަންދުކޮށްފި އެވެ.

ގައްދޫން ވާހަކަ ދެއްކި މީހަކު ބުނީ ރަށުގައި ދުވަސްވީ އެންމެ ބޮޑު މިސްކިތް، މަސްޖިދުލް އިސާރު ވަގުތީ ގޮތުން ބަންދުކުރީ މިސްކިތުގެ ގޯތިތެރެ ކޮންނަނިކޮށް ގަބުރު ފެނިފައިވާތީ ކަމަށެވެ. މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނުނީ އާންމު ފަރާތްތަކުން ޝަކުވާ ކުރުމުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކޮންނަނިކޮށެވެ.

ބަންދުކުރި މިސްކިތަކީ ގައްދޫގެ މެދުތެރޭގައި ހުންނަ، 100 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނާ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކަން ހުށަހަޅާފައިވާ ކަމަށާއި އެކަމުގައި އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ގާތްގަނޑަކަށް 3،000 މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި ހުރި ތިން މިސްކިތުގެ ތެރެއިން އެންމެ ބޮޑު މިސްކިތުން ގަބުރު ފެނިގެން ވަގުތީ ގޮތުން އެމިސްކިތް ބަންދުކުރުމުން ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ގައްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ ރޯދަ މަސް ކުރިޔަށް އޮއްވާ މިސްކިތް ބަންދު ކުރަން ޖެހުމުން ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ގައްދުގައި ބަންދުކުރި މިސްކިތް އެންމެ ފަހުން މަރާމާތުކޮށް ބޮޑުކޮށްފައި ވަނީ 1985 ވަނަ އަހަރު އެވެ.