10 Mar 2024, 15:05
އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު ސެލްޓިކްސްއިން ކާމިޔާބު ކޮށްފިއެވެ.
ފީނިކްސްގެ ފުޓްޕްރިންޓް ސެންޓާގައި ކުޅުނު މި މެޗު ސެލްޓިކްސްއިން ކާމިޔާބު ކޮށްފައިވަނީ 117 ޕޮއިންޓް 107 ޕޮއިންޓުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 29 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 45 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ހަ އެސިސްޓްދިން ކެވިން ޑުރާންޓްއެވެ.
މި މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 142 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ނަގެޓްސްއެވެ.
މި މެޗުގައި ނަގެޓްސްފެ ޖަމާލް މަރީވަނީ 37 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި ޖޭޒްއަަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ކެޔޮންޓޭ ޖޯޖުއެވެ.
މީގެއިތުރުން ލޮސް އެންޖަލިސް ކްލިޕާސްއާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 112 ޕޮއިންޓު 102 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ކްލިޕާސްއެވެ.
މި މެޗުގައި ކްލިޕާސްގެ ޕޯލް ޖޯޖު ވަނީ 22 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ކޮށްފައެވެ. އަދި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ 10 އެސިސްޓް ދިން ޑިމާ ޑިރޯޒަންއެވެ.