10 Mar 2024, 14:55
ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި މެއިންޒް ޒީރޯ ފައިވް ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ބަޔާނުން ކާމިޔާބުކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އަށް ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި ބަޔާންގެ ފޯވަޑް ހެރީ ކޭންވަނީ ހެޓްރިކެއް ކާމިޔާބު ކޮށްފައެވެ.
އެއާއެކު އޭނާ ވެފައިވަނީ ބުންޑަސްލީގާގައި ވާދަކުރި ފުރަތަމަ ސީޒަންގައި ހަތަރު ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި އެ ޓީމުން ލީޑު ނަގައިފައިވަނީ މެޗުގެ 13 ވަނަ މިނެޓުގައެވެ.
މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކޭންއެވެ. އަދި މި ލަނޑު ޖެހިތާ ހަމިނެޓު ފަހުން ބަޔާންގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއޮން ގޮރެޓްޒްކާއެވެ.
މި މެޗުގައި މެއިންޒްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 31ވަނަ މިނެޓުގައި ޖަހައިދިނީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްދިނީ ނަދީމު އަމީރީއެވެ.
މި މެޗުގައި ބަޔާންގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ކޭންއެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ތޯމަސް މުލާ ކާމިޔާބު ކޮށްދިން ލަނޑާއެކު ބަޔާންއިން މި މެޗުގައި ތިން ލަނޑުގެ ލީޑެއް ނެގިއެވެ.
ބަޔާނުން މި މެޗުގައި ކާމިޔާބު ކުރި ފަސްވަނަ ލަނޑު ޖަމާލް މުސިއެލާ 61ވަނަ މިނެޓުގައި ޖަހައިދިންއިރު އެ ޓީމުގެ ހަވަނަ ލަނޑު މެޗުގެ 66ވަނަ މިނެޓުގައި ޖަހައިދިނީ ސާޖީ ގިނެބްރީއެވެ.
މި މެޗުގައި ބަޔާންގެ ހަތްވަނަ ލަނޑު ޖަހައި މި މެޗުގައި ކޭންއިން އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ.
މިލަނޑާއެކު އޭނާ މިހާރުވަނީ މިސީޒަންގައި ބުންޑަސްލީގާގައި ކުޅުނު 25 މެޗުގައި 30 ލަނޑު ޖަހައިދީފައެވެ. މިމެޗުގައި ބަޔާންގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން ގޮރެޓްޒްކާއެވެ.
މިކާމިޔާބީއާއެކު ބަޔާންއިން މިހާރުވަނީ ކުޅުނު 25 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައު އުޅޭ ބަޔާ ލެވަކޫސެން އާއި ދެމެދުގައިވާ ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފައެވެ.