10 Mar 2024, 14:05
އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ޔުނައިޓެޑުން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފެއްދީ އެވަޓަނުންނެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޒުވާން ފޯވަޑް އަލެހަންޑުރޯ ގެނާޗޯއަށް އެވަޓަންގެ ކެޕްޓަން ޖޭމްސް ޓާކޯސްކީ ކުރި ފައުލަކާއި ގުޅިގެން ޕެނަލްޓީއެއް ލިބި މެޗުގެ ލީޑު ނެގުމުގެ ފުރުސަތު ލިބިގެންދިޔައެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދީ ޔުނައިޓެޑަށް މިމެޗުގެ ލީޑު ނަގައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ލީޑު ފުޅާކުރީ ވެސް ލިބުނު ޕެނަލްޓީއަކުންނެވެ. މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ހިފޭގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ޔުނައިޓެޑް މި ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވުމަށްފަހު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފައެވެ. އަދި މިއާއެކު ޔުނައިޓެޑް މިހާރު އުޅެނީ 28 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ. އަދި އެވަޓަން އުޅެނީ 25 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.