04 Jun 2012, 12:37
މަޖީދިއްޔާ ސްކޫލާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް އެ ސްކޫލްގެ ބޯޑްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ދިނުމަށް އޭސީސީން އެ ސްކޫލަށް އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން ތަހުގީގުކުރަމުން ދަނީ މަޖީދިއްޔާގައި ކުރިއަށް ގެންދިޔަ 4.5 މިލިއަން ރުފިޔާގެ އައިބޯޑް ޕްރޮޖެކްޓްގެ މަސައްކަތާ ގުޅޭ ހިޔާނާތަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ސޮއި ކުރައްވާ މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ އިސްމާއީލަށް ފޮނުވި ސިޓީއެއްގައި ބުނަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ބޭނުންވާތީ ސްކޫލް ބޯޑުން 2009 ގެ ނޮވެމްބަރު މަހާއި އަދި ޑިސެމްބަރު މަހު ބޭއްވި ޖަލްސާތަކުގެ ޔައުމިއްޔާތައް ބޭނުންވާ ކަމަށެވެ.
ސަންއޮންލައިނަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި 2010 ވަނަ އަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހުގެ ޔައުމިއްޔާތައް ވެސް ބޭނުންވާ ކަމަށާއި އެ ލިޔުންތައް ހޯދަނީ "ވަރަށް އަވަހަށް ބޭނުންވެގެން" ކަމަށް ބުނެފައި ވެއެވެ.
ބޯޑްގެ ޔައުމިއްޔާތަށް މާދަމާގެ ކުރިން ފޮނުވަންޖެހޭނެ ކަމަށް ވެސް އޭސީސީގެ ސިޓީގައި ބުނެ އެވެ.
ރާއްޖެގެ އެންމެ ދުވަސްވީ ސްކޫލާ ގުޅޭ މި މައްސަލައިގައި އޭސީސީގެ ކޮމެންޓެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ. މަޖީދިއްޔާ ސްކޫލްގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އެ ސްކޫލްގެ ބައެއް މުވައްޒަފުން އޭސީސީއަށް ވައްދާފައިވަނީ މިދިޔަ އެޕްރީލްމަހުގެ ތެރޭގަ އެވެ.