ރައީސް މުހަންމަދު ނަޝީދުގެ ފަރާތްޕުޅުން އިންކުއަރީ ކޮމިޝަންގައި ހިމެނުމަށް އެންމެ ފަހުން ފޮނުއްވާ ސަރުކާރުން ގަބޫލުކޮށްފައިވާ ނަންފުޅަކީ އަހުމަދު ސައީދު (ގަހާ ސައީދުގެ) ނަންކަން "ސަން އޮންލައިން"އަށް ކަށަވަރުވެއްޖެ އެވެ.

ނަމަވެސް ސަރުކާރުން އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. ނަމަވެސް މުއުތަބަރުގޮތަކަށް ސަން އޮންލައިންއަށް އެކަން ވަނީ ޔަގީންވެފަ އެވެ. އިއްޔެ ސަރުކާރުން ބުނެފައި ވަނީ ނަޝީދު އެންމެ ފަހުން ހުށަހެޅުއްވި ނަންފުޅު ސަރުކާރުން ގަބޫލުކުރާ ކަމަށާއި އެ ނަންފުޅު މިހާރު ކޮމަންވެލްތަށް ވެސް ފޮނުވާފައިވާ ކަމަށެވެ.

ގަހާ ސައީދަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަދި އަހުމަދިއްޔާ ސްކޫލްގެ ޕްރިސިޕަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ގަހާ ސައީދުގެ ނަންފުޅު ސަރުކާރުން ގަބޫލުކުރި އިރު އޭނާ ވަނީ ވެރިކަން ބަދަލުވި ފަހުން ބޭއްވި ބައެއް އެއްވުންތަކުގައި ބައިވެރިވެ ވަޑައިގަތް ސަރުކާރާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

އިންކުއަރީ ކޮމިޝަންގައި ނަޝީދުގެ ފަރާތުން ހިމެނޭ މެންބަރެއްގައި ހުންނަން ޖެހޭ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ޝަރުތުތަކަކީ ވޭތުވެ ދިޔަ ދެ އަހަރު ސިޔާސީ ކަމެއްގައި ބައިވެރިވެ ވަޑައިގެންފައި ނުވުމާއި ޑިގްރީއެއް އޮތުމާއި އަދި ވެރިކަން ބަދަލުވި ގޮތާމެދު ވަކި ކޮޅެއް ނަންގަވާފައިވާ ބޭފުޅަކަށް ނުވުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު އިނގިރޭސިވިލާތަށް ފުރުއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށައެޅުއްވި ނަންފުޅާ މެދު ވެސް ބައެއް ކަންކަން އެބަހުރި ކަމަށާއި ނަމަވެސް އެފަރާތަކީ ސަރުކާރަށް ބަލައިގަނެވޭ ފަރާތެއް ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އަދި އެބޭފުޅާއާ އެކު ކުރިޔަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ބައެއް ފަހަރު އެބޭފުޅާ ވެސް އެބަހުރި ކަމާގުޅޭ [ސިޔާސީ] ވާހަކަތައް ދައްކަވާފައި. ނަމަވެސް އަޅުގަޑުމެން އެނަން ދެން ރިޖެކްޓެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ކޮމިޝަންގައި ހިމެނުމަށް ރައީސް ނަޝީދުގެ މީގެ ކުރިން ވަނީ 11 ނަންފުޅެއް ފޮނުއްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ނަމެއް ފިޔަވައި އެހެން ނަންތަކުގެ ޝަރުތުހަމަ ނުވާ ކަމަށް ބުނެ ސަރުކާރުން ވަނީ އެ ނަންތައް އަނބުރާ ފޮނުވާލައިފަ އެވެ.