10 Mar 2024, 07:05
ބޮޑު ކާމިޔާބީއެއް ހޯދާ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ތަނޫ ވެޑްސް މަނޫ"ގެ ޕްރޮޑިއުސަރު އާނަންދު ރާއީ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް އުފައްދަން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމު "ޒީރޯ" އަދި "ރާންޖަނާ" ފަދަ ފިލްމުތައް އުފެއްދި ޕްރޮޑިއުސަރު ޑިޖިޓަލް އުފެއްދުންތަކުގެ ދުނިޔެއަށް ނުކުންނާނީ ވަރަށް ހިތްގައިމު ލޯބީގެ ވެބް ސީރީސް އަކާ އެކީގައި ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.
އާއްމުގޮތެއްގައި ޑިޖިޓަލް ޕްލެޓްފޯމްތަކުން ފެންނަނީ، މިސްޓްރީ އަދި ތުރިލާ ޖޯންރާގެ އުފެއްދުންތައް ކަމަށާއި އާނަންދުގެ ވިސްނުން ހުރީ މުޅިން ތަފާތު ޖޯންރާއެއްގެ ސީރީސްތަކެއް އުފެއްދުމަށް ކަމަށް ދާދިފަހުން ބޭއްވި ފެސްޓިވަލް އެފްއައިސީސީއައި ފްރޭމްސް 2024 ގައި ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.
މި ވެބް ސީރީސްއާ ބެހޭ މާ ގިނަ މައުލޫމާތު މި ވަގުތު ހިއްސާކުރެވެން ނެތްކަމަށް ބުނަމުން އާނަންދު ބުނެފައިވަނީ ހަމަގައިމު ވެސް ސީރީސްގެ ތީމް އަކީ ލޯބި ކަމަށާއި އޭގައި މާ ބޮޑަށް ވެސް ޑްރާމާ ހިމެނޭނެ ކަމަށެވެ. އާނަންދު ބުނެފައިވަނީ މި އަހަރުތެރޭ ވެބް ސީރީސް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށާއި އޭނާގެ ވެބް ސީރީސްއަށް އިންތިޒާރު ކުރުމަށެވެ.

ޕްރޮޑިއުސަރު އާނަންދު ރާއިގެ ފިލްމު "އަތުރަންގީރޭ"ގެ ޕޯސްޓަރެއް-- ފޮޓޯ/ ފޭސްބުކް
ޑިޖިޓަލް ޕްލެޓްފޯމަށް ވެބް ސީރީސް އުފެއްދުމުގެ ފުރުސަތު މީގެ ކުރިން ވެސް އާނަންދުއަށް ލިބުނު ނަމަވެސް ފިލްމު އުފެއްދުމާއި ވެބް ސީރީސް އުފެއްދުމަކީ ވަރަށް ތަފާތު ދެ މަސައްކަތް ކަމަށާއި އާނަންދު ބޭނުންވީ ފުރިހަމަ ސްކްރިޕްޓެއް ތައްޔާރުވުމުން އެ މަސައްކަތް ފަށަން ކަމަށް ކާމިޔާބު ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.
މުޅިން އާ ވެބް ސީރީސްއެއް އިއުލާނުކުރިއިރު އާނަންދު އަންނަނީ ސައުތު އެކްޓަރު ދަނުޝްއާ އެކު "ތެރެ އިޝްޤް މޭ"ގެ ނަމުގައި ގެނެސްދޭ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ދަނުޝްއާ އެކު ޕްރޮޑިއުސަރު އާނަންދު ރާއީ މަސައްކަތް ކުރި ފިލްމު ތަކުގެތެރޭ "އަތުރަންގީރޭ" ވެސް ހިމެނެއެވެ.