10 Mar 2024, 07:13
ޖިއޯ ސްޓޫޑިއޯއިން މި އަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހަށް ހާއްސަކޮށް އިއުލާނުކުރި ފިލްމުގެ ބަތަލާއަކީ ހުމާ ގުރޭޝީކަން އިއުލާނުކޮށްފިއެވެ.
ޖިއޯ ސްޓޫޑިއޯ އާއި ޕްރޮޑިއުސަރު ވިޝާން ރާނާ ގުޅިގެން އުފައްދަން ނިންމި މި ފިލްމަކީ، އިންޑިއާގެ ތިން ފުރޮޅުލީ އުޅަނދު، އޮޓޯ ރިކްޝާ ދުއްވާ އާމްދަނީ ހޯދާ ހިތްވަރުގަދަ އަންހެނެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފާހަގަކުރި މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ޖިއޯ ސްޓޫޑިއޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ފިލްމު ހާއްސަ ކުރެވިފައިވަނީ އެންމެ ޑްރައިވަރަކަށް ނޫން ކަމަށާއި މިއީ ކުރޮޅި ދުއްވައިގެން އާމްދަނީ ހޯދަން މުޖްތަމައަށް ނުކުތް ކެރޭ ކޮންމެ އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެއް ކަމަށެވެ.
ފިލްމު "މަހާރާނީ"އިން އާދަޔާ ޚިލާފު އެކްޓިންގް ހުނަރެއް ދެއްކި ބަތަލާ ބުނެފައިވަނީ ޖިއޯއިން ގެނެސްދޭ މިފަދަ ފިލްމަކުން ފުރުސަތު ލިބުމަކީ ނުހަނު ބޮޑު އުފަލެއް ލިބުނު ކަމެއްކަމަށެވެ. ހަމައެއާ އެކު އަންހެނުން ބާރުވެރި ކުރުވާ އެހެން އަންހެނުންނަށް ހިތްވަރު ލިބޭ ކަހަލަ ވާހަކައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ ލިބުނު ފަޚުރެއް ކަމަށެވެ.
ޖިއޯ ސިނަމާއިން އިއުލާނުކުރި މި ފިލްމުގެ ނަން އިއުލާނުކޮށްފައިނުވާއިރު ބަތަލާ ހުމާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ވެސް އަންހެނެއްގެ ވާހަކަ ކިޔައިދޭ ބައޮޕިކް އަކުންނެވެ. އެއީ އިންޑިއާގެ ދުވަސްވީ މަޝްހޫރު އަންހެން ޝެފް ތަރުލާ ކެއްކުމުގެ ދާއިރާއިން ކުރިޔަށްދާން ކުރި ދިގު ދަތުރުގެ ވާހަކަ ކިޔައިދިން ފިލްމު "ތަރުލާ"އެވެ.