04 Jun 2012, 11:36
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) ގެ ނަމާއި ލޯގޯ ބޭނުން ކޮށްގެން ތަކެތި އުފައްދާ ވިއްކުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޝަރުތުތަކެއް އެޕާޓީން ކަނޑައަޅައިފި އެވެ.
އެމްޑީޕީގެ މާލިއްޔަތާއި ޗަންދާ އާއި ބެހޭ ކޮމިޓީން ކަނޑައަޅައިފައިވާ އުސޫލު ބުނާ ގޮތުން އެ ޕާޓީގެ ނަމާއި ލޯގޯ އާއި ކުލަ ބޭނުން ކުރާނަމަ ބޭނުން ކުރެވޭނީ ރަސްމީކޮށް ޕާޓީން ރަޖިސްޓްރީ ކޮށްފައިވާ ނަމާއި ލޯގޯ އާއި ކުލަ އެވެ. އެ ނޫން ގޮތަކަށް އަމަލު ކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އެ އެއްޗެއް އުފެއްދި ފަރާތަކުން ނަގަންޖެހޭނެ އެވެ.
އެމްޑީޕީގެ ލޯގޯ އާއި ނަން ބޭނުން ކޮށްގެން އުފައްދާ ތަކެތީގެ ރަޖިސްޓްރީއެއް ބަލަހައްޓާ ގޮތަށް ވެސް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ޕާޓީގެ ލޯގާއާއި ނަން ބޭނުންކޮށްގެން ތަކެތި އުފައްދާ ވިއްކާ ފަރާތްތައް އެކަމުގެ ހުއްދަ އަށް އެދި އެމްޑީޕީއަށް ހުށަހަޅަން ޖެހެ އެވެ. އަދި އެމްޑީޕީގެ ލޯގޯއާއި ނަން ޖަހައިގެން ތަކެތި އުފައްދާ ވިއްކޭނީ އެމްޑީޕީގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ލިބިގެނެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީން ބުނީ އެ ޕާޓީގެ ލޯގޯއާއި ނަން ބޭނުންކޮށްގެން އެއްޗެހި އުފައްދާ ވިއްކާ ހެދުމަކީ އެމްޑީޕީން އެދޭ ގޮތް ކަމަށާއި އަދި އެފަދަ އެއްޗެއް ވިއްކާނަމަ ވިއްކާ އަގުގެ ފަސް ޕަސެންޓް، އެއެއްޗެއް ވިއްކަން ފެށުމުގެ ކުރިން އެމްޑީޕީއަށް ދިނުމަކީ އެ ޕާޓީއަށް އެހީތެރި ވުމުގެ ގޮތުން ކޮށްދެވޭ ކަމެއްކަމުގައި ބަލައިގަންނާނެ ކަމަށެވެ.
މިކަމާބެހޭ އިތުރު ތަފުސީލެއް އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ ކުލަ އާއި ލޯގޯ ބޭނުންކޮށްގެން މިހާރު ވެސް ބައެއް ފަރާތަކުން ތަކެތި އުފައްދައިގެން އުޅެ އެވެ. ރާއްޖޭގައި 15 ސިޔާސީ ޕާޓީ އޮންނައިރު އެއްވެސް ޕާޓީއަކުން ޕާޓީގެ ލޯގޯ އާއި ކުލަ ބޭނުން ކޮށްގެން ތަކެތި އުފައްދާ ވިޔަފާރި ކުރުމުގައި އުސޫލެއް ކަނޑައެޅި މިއީ ފުރަތަމަ ފަހަރެވެ.