ކޮމަންވެލްތަށާއި އިނގިރޭސި ސަރުކާރަށް ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންފިލުވައި ދެއްވާނެ ކަމަށާއި އެމަނިކުފާނު އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅަށްފަހު ކަންބޮޑުވުންތައް ހައްލުވެގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތްގެ އެންމެ އިސްވެރިޔާ، އިނގިރޭސި ރާނީ އެލިޒެބަތު ދޭއްގެ ރަނިކަމުގެ އަލިމަސް ޔޫބީލް މުނާސަބަތާ ގުޅިގެން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް މިއަދު ފުރާ ވަޑައިގަންނަވަމުން ރައީސް ވަހީދު ވިދާޅުވީ ދަތުރުފުޅުގައި އިނގިރޭސި ބޮޑުވަޒީރާއި ކޮމަންވެލްތުގެ އިސްފަރާތްތަކާއި އެހެން ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށާއި އެ ބައްދަލުވުން ތަކުގައި ރާއްޖޭގެ ސިޔާސީ ހާލަތާއި އިގުތިސާދީ ހާލަތު އިތުރަށް އޮޅުން ފިލުވައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރުވެސް ވަނީ އެކޮޅަށް [ކޮމަންވެލްތަށް އެކަންކަން] ކޮންމެވެސް ވަރަކަށް އޮޅުން ފިލުވައި ދެވިފައި. ފަހުންވަނީ އެކަމާ ގުޅޭގޮތުން ފޮރިން އޮފީހާ ވެސް އިތުރު މައުލުމާތު ހިއްސާ ކުރެވިފައި. އޭގެ ސަބަބުން އިނގިރޭސި ސަރުކާރުން ކުރިއަށްވުރެ ބޮޑަށް އަޅުގަނޑުމެން ދައްކާ ވާހަކަ އަޑުއަހާ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއާ ގުޅޭ ގޮތުން އިނގިރޭސި ސަރުކާރައި ކޮމަން ވެލްތުގެ އެއްވެސް ކަންބޮޑުވުމެއް އޮތްނަމަ ދަތުރުފުޅަށްފަހު އެކަންކަން ހައްލުލުވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނޫސްވެރިނަށް މައުލޫމާތު ދެއްވުމުގައި އިންކްއަރީ ކޮމިޝަނާ ބެހޭ ގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ފަރާތްޕުޅުން އެންމެ ފަހުން ކޮމިޝަނަށް ހުށަހެޅުއްވި ނަންފުޅު ސަރުކާރުން ބަލައިގެންފައިވާ ކަމަށާއި އެނަން ހާމަކުރަން އަދި ގަސްދު ނުކުރައްވާ ކަމަށެވެ.

"ސަރުކާރަކުން އަދި އެނަންފުޅާ ބެހޭ ގޮތުން އެއްޗެއް ހާމަކުރާކަށް ގަސްދެއް ނުކުރަން. [ފަހަރެއްގައި] މިއަދު ވެސް ކޮމަންވެލްތުން އެކަމާގުޅޭ ގޮތުން އެއްޗެއް ހާމަކޮށްފާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އަދި ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށައެޅުއްވި ނަންފުޅާ މެދުވެސް ބައެއް ކަންކަން އެބަހުރި ކަމަށާއި ނަމަވެސް އެފަރާތަކީ ސަރުކާރަށް ބަލައިގަނެވޭ ފަރާތެއް ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އަދި އެބޭފުޅާއާއެކު ކުރިޔަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ބައެއް ފަހަރު އެބޭފުޅާ ވެސް އެބަހުރި ކަމާގުޅޭ [ސިޔާސީ] ވާހަކަތައް ދައްކަވާފައި. ނަމަވެސް އަޅުގަޑުމެން އެނަން ދެން ރިޖެކްޓެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮމިޝަނުގެ ޗެއާއަކަށް ސަރުކާރުން ކަނޑައަޅާފައިވާ އިސްމާއިލް ޝަފީއުއަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި އެބޭފުޅާ އެ މަގާމުން ދުރު ނުކުރައްވާނެ ކަމަށެވެ.