09 Mar 2024, 11:41
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގެ މަރުހަލާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަސޭހަކޮށްދީފިއެވެ.
ޕީޖީ ޙުސައިން ޝަމީމްގެ ބްލޮގްޕޯސްޓެއްގައިވާ ގޮތުން، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގެ ފޯމް މިހާރު އޮންލައިންކޮށް ފުރޭނެއެވެ. އެގޮތުން ޕީޖީ އޮފީހުގެވެބްސައިޓަށް އެމީހެއްގެ އީފާސް ލޮގްއިން ބޭނުންކޮށްގެން ވަނުމުން، އެޕްލިކޭޝަންތަކުގެ މެނޫއިން "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން" ކިޔާ ޓެބެއް ފެންނާނެ ކަމަށާއި އެޓެބަށް ފިތާލުމުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރޭނޭ ގޮތް ހަމަޖެހިފައި ހުންނާނެކަމަށް އެ ބްލޮގް ޕޯސްޓުގައިވެއެވެ.
ޕީޖީ އޮފީހުން ބުނީ އެފޯމު ކޯޓަށް ދާނީ ޕީޖީ އޮފީހުގެ އީމެއިލަކާއެކުގައި ކަމަށެވެ. ފޯމުގައި ހުރި ކަންކަމަކީ ފޯމު ފުރާމީހާއާއި ކޯޓާ ދޭތެރޭ ކުރާ މުޢާމަލާތެއް ކަމަށާއި ފޯމުގައިވާ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކާ ޙިއްސާ ނުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ކޯޓުން އެފޯމު ޕްރޮސެސްކުރުމުގެ ކަންތައް ފަސޭހަކޮށްދިނުމުގެ ގޮތުން، ޕޯޓަލްގެ ތެރޭގައި ކޮންމެ ކޯޓަކަށް ލޮގިންއެއް ހަދައިދީފައި ހުންނާނެ ކަމަށާއި އެ ލޮގިންއިން އެކޯޓަށް ހުށަހެޅިފައި ހުރި ހުރިހާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ބަލައިގަނެ ޕްރޮސެސް ކުރެވޭނެ ކަމަށް ޕޯސްޓުގައިވެއެވެ.
އޮންލައިން ޕޯޓަލްގެ ތެރެއިން އެފޯމު ބަލައިގަތުމަށް، ނުވަތަ އިޞްލާޙުކުރުމަށް ނުވަތަ ބަލައިނުގަތުމަށް ނިންމައިފިނަމަ، އެކަން ސަބަބާއެކު ޕީޖީ އޮފީހުން އެމީހަކަށް އަންގާނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ޕީޖީ އޮފީހާއި މުއާމަލާތުކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އޮންލައިން ޕޯޓަލްގެ ތެރެއިން ފޯމު އިޞްލާޙުކޮށް އަލުން ހުށަހެޅުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.
ޝަމީމްގެ ޕޯސްޓުގައިވާ ގޮތުގައި މިޚިދުމަތް މިމަހު ހަތެއްގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައިވަނީ ތަޢާރަފުކޮށްފައެވެ. އެކޯޓަކީ، ޓެކްނޮލޮޖީއަށް އަހުލުވެރި، ގެވެށި އަނިޔާގެ ކަންކަމުގައި އަވަސް އަދި ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ރެކޯޑެއް އޮންނަ ކޯޓެއްކަމަށް ބްލޮގްގައިވެއެވެ.
"އަޅުގަނޑުމެންގެ ދެކެނީ، އެންމެން ގުޅިގެން ކުރާ، މިހުރިހާ މަސައްކަތަކުން، ގެވެށި އަނިޔާ ތަޙައްމަލުކުރަމުންދާ އެންމެ މީހެއްގެ ޙަޔާތަށް ހެޔޮ ބަދަލެއް އަތުވެއްޖެނަމަ، އަޅުގަނޑުމެން މިކަމަށް ހޭދަކުރާ ފައިސާއާއި ވަގުތުގެ އަގު ލިބުނީ ކަމަށެވެ. ރާއްޖޭގެ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހުއްޓަސްވެސް، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އަނިޔާލިބޭ މީހުންނަށް އާދަޔާ ޚިލާފު، ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއްދޭ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ ނިޒާމު ހެދުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒެވެ." ޝަމީމް ވިދާޅުވިއެވެ.