09 Mar 2024, 13:17
ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.
މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. މި މެޗު ބާސާއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މި ގޮތުން މެޗު ފެށުމާ އެކު ބާސާއިން ވަނީ ހަމަލާއަށް އިސްކަންދީ މަޔޯކާގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އަދި މި ހަމަލާތަކުގެ ނަތީޖާ އަކަށް ވެގެން ދިޔައީ މެޗުގެ 24 ވަނަ މިނެޓުގައި ބާސާއަށް ޕެނަލްޓީއެއް ލިބިގެން ދިއުމެވެ. ނަމަވެސް މި ސީޒަންގައި ބާސާއަށް އަލަށް ގުޅުނު އިލްކާއި ގުންޑޮގާން ފޮނުވާލި ޕެނަލްޓީ ވަނީ މަޔޯކާގެ ކީޕާ ޕްރެޑްރެގް ރައިކޮވިޗް ދިފާއުކޮށްފައެވެ.
މީގެ އިތުރުންވެސް ގިނަ ހަމަލާތަކެއް ބާސާއިން އުފެއްދި ނަމަވެސް އެ ހަމަލާތައް ވަނީ މަޔޯކާއިން ދިފާއުކޮށްފައެވެ. އަދި މަޔޯކާއިން ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަ ކަމުން ބާސާއަށް އެ ޓީމުގެ ޑިފެންސް ފޫއަޅުވާލުމުގައި ދިޔައީ ގިނަ ދަތިތަކަކާ ކުރިމަތިވަމުންނެވެ.
މި މެޗުގައި ބާސާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖަހާފައިވަނީ ދެވަނަ ހާފުގައި ކުޅެން އެރި ރޮބަޓް ލެވަންޑޯސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޒުވާން ކުޅުންތެރިޔާ ލެމީން ޔަމާލްއެވެ. މިއީ މި ސީޒަންގައި ޔަމާލް ބާސާއަށް ކާމިޔާބު ކޮށްދިން ހަ ވަނަ ލަނޑެވެ. ޔަމާލް އަކީ ބާސާގެ އިތުރުން ސްޕެއިން ޤައުމީ ޓީމަށްވެސް ލަނޑު ޖަހައިދީފައިވާ އެންމެ ޒުވާން ކުޅުންތެރިޔާއެވެ.
މި ކާމިޔާބީއާއެކު ބާސާ މިހާރު ވަނީ ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 28 މެޗުން ލިބިފައިވާ 61 ޕޮއިންޓާއެކުއެވެ. ނަމަވެސް ކުރިން ދެވަނައިގާ އޮތް ޖިރޯނާ މި ހަފުތާގައި އޮސަސުނާ އާ ބައްދަލު ކުރާ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ އެ ޓީމު އަނެއްކާވެސް ދެވަނައަށް އަރާނެއެވެ. މި މެޗުން ބަލިވުމުން މަޔޯކާ އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.