ހިންދީ ސިނަމާގެ ދުވަސްވީ ބަތަލާ ޖަޔާ ބައްޗަން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވެ އުޅުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނެފިއެވެ.

ޖަޔާ ބައްޗަންގެ މާމަ ދަރިފުޅު ގެނެސްދޭ ޕޮޑްކާސްޓުގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ޖަޔާ ބުނީ ބައްޗަން އާއިލާއާ ބެހޭ މައުލޫމާތު ދުނިޔޭގެ ގިނަ ބަޔަކަށް އެނގޭކަމަށާއި ޖަޔާ އަލުން ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާނެ އެއްޗެއް ނެތް ކަމަށެވެ.

ޒުވާން ވިޔަފާރިވެރިޔާ ނަވްޔާ ނަވޭލީގެ 'ވަޓް ދަ ހެލް ނަވްޔާ'ގެ މި އެޕިސޯޑު ހާއްސަކޮށްފައި ވަނީ މި ޒަމާނުގައި ސޯޝަލް މީޑިއާގެ ބޭނުން ހިފާ މިންވަރުގެ މައްޗަށާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ޓްރެންޑުވެފައިވާ މިންވަރުގެ މައްޗަށެވެ.

މި މައުޟޫއާ ގުޅިގެން ކުރިޔަށްދިޔަ ބަހުސްގައި ނަވްޔާގެ މާމަ އަދި މަންމަ ޝްވެތާ ބުނެފައި ވަނީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާކުރަން ނުޖެހޭ މިންވަރަށްވުރެ މާބޮޑަށް ހިއްސާކުރާ ކަމަށެވެ. ހާއްސަކޮށް ނަވްޔާ ފަދަ ޒުވާނުން ދިރިއުޅުމުގައި ހިނގާ ވަރަށް ކުދިކުދި ކަންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރުމަކީ ވިސްނާލުން މުހިއްމު ކަމެއް ކަމަށް ޝްވެތާ ވަނީ ބުނެފައެވެ.

ޝްވެތާގެ ނަޒަރުގައި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ވެސް އަމިއްލަ މިންގަނޑުތަކަކާއި ހަމަތަކެއް ގެންގުޅުން މުހިއްމު ކަމަށާއި އެއިރެއްގައި އޮންނަ ޓްރެންޑަކާ އެއްގޮތަށް ޒާތީ ދިރިއުޅުން އިޝްތިހާރު ކުރުމަކީ ބޭނުންތެރިކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.

ޖަޔާ ބައްޗަން ދަރިފުޅު ޝްވެތާ ބައްޗަން އަދި މާމަ ދަރިފުޅު ނަވްޔާއާ އެކު-- ފޮޓޯ/ ފިލްމުފެއަނިވްސް
މި މައުޟޫއާ ގުޅިގެން ޖަޔާ ބުނެފައި ވަނީ މިހާރު ވެސް ޖަޔާއާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު އެކި ވައްތަރުގެ މީމްސްތައް އުފައްދާ ޕޯސްޓުކުރަމުން ދާ ކަމަށާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާގެ އެއްވެސް ދައުރެއް އޮތުމަކީ މުހިއްމުކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

ޖަޔާ ބައްޗަންއަށް ނިސްބަތްކޮށް މީހުން ހެއްވާލަން މީހުން މީމްސް ހެދިޔަސް އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެ މީމްސްތަކުގެ އުފެއްދުންތެރިކަން ވަރަށް ދަށްކަމަށް ޖަޔާ ވަނީ ބުނެފައެވެ.

އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު ނަވްޔާގެ 'ވަޓް ދަ ހެލް ނަވްޔާ' ޕޮޑްކާސްޓް އުފެއްދުމުގެ ޚިޔާލު އައީ ކޮވިޑްގެ ދުވަސްވަރު ގޭގައި ބަންދުވެގެން ތިބި ދުވަސްވަރު ކަމަށް ނަވްޔާ ވަނީ ބުނެފައެވެ. މި ޕޮޑްކާސްޓު އެންމެ ފުރަތަމަ އެހުންތެރިންނާ ހަމައަށް ގެނެސްދޭން ފެށީ 2022ވަނަ އަހަރުއެވެ.