04 Jun 2012, 10:45
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ، އުސް ފަސްގަނޑު ސަރަހައްދާ ދިމާލުން މޫދަށް ފާލަންއެޅި ބަޔަކު ހޯދައި އެބަޔަކާ މެދު ތިމާވެށީގެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބުދުﷲ އަބުދުއްރަހީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)" ގައި ރާއްޖެ އިން ބައިވެރިވުމާ ބެހޭ ގޮތުން ސަރުކާރުން ހުށަހަޅާފައިވާ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަބުދުﷲ އަބުދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރެވޭތީ އެ މުއާހަދާގައި ބައިވެރި ވުމުގައި އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިހާރު ހެދިފައިވާ ތިމާވެށީގެ ގާނޫނު ތަންފީޒު ކުރަނީ ކިހާވަރަކަށްތޯ ސުވާލު ކުރައްވަމުން އޭނާ ވިދާޅުވީ، ފަޅަކުން އަދި ގޮނޑު ދޮށަކުން ވެލިކޮޅެއްނަގައި ވެއްޓިފައި އޮންނަ މަގޫގަހެއްނަގާ މީހަކާ މެދު ހަރުކަށި ފިޔަވަޅު އަޅާ އިރު، ގާނޫނާހިލާފަށް އުސް ފަސްގަނޑާދިމާލުން ފާލަންއެޅި މީހުން 40 މިލިއަނުން، 50 މިލިއަން ރުފިޔާ އިން ޖޫރިމަނާ ނުކުރެވެންވީ ސަބަބެއްނޯންނާނެ ކަމަށެވެ. އަދި އެ ފަރާތްތަކާ މެދު ރާއްޖޭގެ މުއައްސަސާތަކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާލޭގެ ދެކުނުފަރާތުގައި އަޅާފައި އޮތް ފާލަން އަޅާފައި އޮތީ ކޮން ގާނޫނެއްގެ ކޮން ހިމާޔަތެއް ލިބިގެންތޯ. މިއީ ދިވެހި ރާއްޖޭގެ ފާލަން އަޅާތަންތޯ. ބަޔަކު މީހުން ފަނޑިތަ، ސިހުރު ހާހޫރަ ހެދުމަށް ޓަކައި ކަނޑަށް ކިޔެވުމަށް ޓަކައި ފާލަން އަޅައިގެން ތިބެނީ. ހެޔޮ ނުވާނެ ނޫންތޯ މި ގައުމުގައި މިގޮތަށް ކަންތައް ހިނގަމުންދާން. ކީއްވެގެންތޯ އެމީހުންގެ މައްޗަށް ގާނޫނު ތަންފީޒު ނުކުރެވެންވީ. ކީއްވެގެންތޯ އެމީހުންގެ ސާޅީސް މިލިއަނުން ފަންސާސް މިލިއަން ރުފިޔާ އިން ޖޫރިމަނާ ނުކުރެވެންވީ. އެކަންކުރި ބަޔަކު ހޯދައި އެބަޔަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ.
މުއައްސަސާތަކަށް އެކަން ކުރެވެން ޖެހޭނެ. އެހެންނޫނިއްޔާމު ކާޅު ކޮށްޓަށް ލައިގެންވެސް، ނުވިތާކަށް ކާޅާއި ރަތް ހާލުގައި ވާޖަހައިގެން ވެސް ރާއްޖޭގެ މަގުތައްމަތީގައި ދުވެނަގާނެ،" އަބުދުﷲ އަބުދުއްރަހީމް ވިދާޅުވި އެވެ.
އުސްފަސްގަނޑާ ދިމާލުން އެމްޑީޕީން ކަނޑަށްއެޅި ފާލަން މިހާރު ވަނީ ނަގައިފަ އެވެ. އެ ފާލަންނަގާފައި ވަނީ އެތަން ނެގުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މާލޭ ސިޓީ ކައުންސިލަށް އަންގާފައި ވަނިކޮށެވެ.
ރައްޔިތުންގެ މިއަދުގެ ޖަލްސާއަކީ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އެވެ. ނަމަވެސް އިންޓަވަލްގެ ކުރިން ޖަލްސާގެ ތެރެއިން ދެ ފަހަރު ކޯރަމް ގެއްލިފައިވާ އިރު، ހުސްވަގުތުކޮޅަށް ޖަލްސާ މެދުކަނޑާލީ ވެސް ކޯރަމް ގެއްލިފައި ވަނިކޮށެވެ.