08 Mar 2024, 18:38
މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ނެޓްވާކިން އިވެންޓެއް އިއްޔެ ބާއްވައިފިއެވެ.
ދިރާގު ހެޑް އޮފީހުގައި އިއްޔެ ބޭއްވި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނީގެ އަންހެން މުވައްޒަފުންނާއި ރާއްޖޭގެ އެކި ދާއިރާތަކުން ކުރިއަރާފައިވާ އަންހެން ބޭފުޅުންނާ އެކުއެވެ.
ދިރާގުން ބުނީ މި ޚާއްސަ ނެޓްވާކިން އިވެންޓް ބޭއްވީ 'ލީން އިން ސާކްލް' ނެޓްވާކިން ގްރޫޕް މެތަޑަށް ބިނާކޮށް ކަމަށާއި މިއީ ދިރާގުގެ ޖެންޑާ އެކްޝަން ޕްލޭންގެ ދަށުން ކުންފުނީގެ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މެންޓާޝިޕް ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން މި އިވެންޓްގެ މަޤްސަދަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާ އެކު ގުޅުން ބަދަހިކޮށް، އެކަކު އަނެކަކުގެ ތަޖުރިބާތަކާއި ޚިޔާލުތައް މަޝްވަރާކުރެވޭނެ ފަދަ ޕްލެޓްފޯމެއް މުވައްޒަފުންނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގުން އަންހެނުންގެ ދުވަސް ފާހަގަކުރަނީ --- ފޮޓޯ/ ދިރާގު
އިވެންޓްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އަދި ޑިރެކްޓަރު ލީގަލްގެ އިތުރުން ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތް ރަޝީދު ހުސައިން އެކުންފުނީގެ ޖެންޑާ އެކްޝަން ޕްލޭންގެ އަޕްޑޭޓެއް ދީފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން، މި ޕްލޭންގެ ދަށުން ދިރާގުން ވަނީ 'ފްލެކްސި ވާކް' ޕޮލިސީ އަދި ރިޓާންޝިޕް ގައިޑްލައިން ތަޢާރަފްކޮށްފައެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ޖޫނިއާ މެނޭޖްމެންޓް މަޤާމްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 46 އިންސައްތައަކީ އަންހެނުން ކަމަށާއި އަދި ޖުމްލަ ގޮތެއްގައި ޓެކްނިކަލް ރޯލްތަކުގައި ކުރިއަށްވުރެ ގިނަ އަންހެން މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މިއަހަރުގެ ދިރާގު އެޕްރެންޓިސް ޕްރޮގްރާމްގެ ނުވަ އަންހެން ބައިވެރިންގެ ތެރެއިން ފަސް ބައިވެރިން ޓެކްނިކަލް ރޯލްތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދަމުންދާ ކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ދިރާގުން އަންހެނުންގެ ދުވަސް ފާހަގަކުރަނީ --- ފޮޓޯ/ ދިރާގު
ދިރާގުން ބުނީ މި އިވެންޓް ނިންމާލީ އަންހެނުން އިސްނަގައިގެން ހިންގާ ހޯމް-ބޭސްޑް ވިޔަފާރިތަކުން ކޭޓަކޮށްފައިވާ ހެނދުނުގެ ނާސްތާއަކުން ކަމަށެވެ.
އަންހެނުން ބާރުވެރިކޮށް، ޚާއްސަކޮށް އަންހެނުން ހިއްސާވާ ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކަށް އެއްބާރުލުންދިނުމަކީ ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު ފޯކަސް ދާއިރާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
މިގޮތުން އެ ކުންފުނިން ވަނީ އަންހެނުން މާލީގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ހިޔަލަ ވީކެންޑް މާކެޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދިރާގުން އަބަދުވެސް ފާހަގަކުރަނީ މިންތީގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއި ހުރިހާ ފަރާތްތަކަށް ވެސް ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.