04 Jun 2012, 10:15
މާފަންނު ގަޑިބުރު ކައިރީގައި ހުންނަ މަސާޖް ޕާލާއިން ރޭ ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ރޭ ވަދެފައި ވަނީ ޝާހާ އަލްޓަނޭޓިވް މެޑިކަލް ސެންޓަރުގައި ނަމުގައި ހިންގަމުން ދިޔަ މަސާޖްޕާލާއަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެތަނުން ދިވެހި ތިން ފިރިހެނަކާއި ސްރީލަންލާގެ ފިރިހެނަކާއި ތައިލެންޑް ތިން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ގޮތުގައި އެތަނުން ހައްޔަރު ކުރި ހަތަރު ފިރިހެނުންނަކީ ފުލުހުން ވަން ވަގުތު އެތަނުގައި ބަދުއަހުލާގީ އަމަލު ހިންގަމުންދިޔަ މީހުންނެވެ. އަދި ފުލުހުން އެތަނަށް ވަންއިރު އެތާނގެ ދެ ކޮޓަރިއެއްގައި ބަދުއަހުލާގީ އަމަލުތައް ހިންގަމުންދިޔަ އެވެ.
ސީޓްރޫ އޮޕްޓިކަލްއާ ޖެހިގެން ހުންނަ ގޭގެ ފުރަތަމަ ފަންގިފިލާގައި ހިންގަމުން އައި މަސާޖް ޕާލާއަށް ފުލުހުން ވަދެފައި ވަނީ ރޭ ގާތްގަނޑަކަށް 11:00 ޖަހާއެހާކަންހާއިރު އެވެ. އެތަން ރޭޑް ކުރުމަށްފަހު ހަތް މީހުން ހައްޔަރުކޮށްގެން ގެންދިޔައިރު އެތަނުގެ ތެރެއިން ތިން ދަބަހާއި ކޮތަޅެއް ވެސް ގެންދިޔަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ފަހުން، ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ހަތް ތަނެއް އަތުލައިގަނެ ބަންދުކޮށްފަ އެވެ. ރޭ އަތުލައިގަތީ އަށް ވަނަތެނެވެ. އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ ހަށިވިއްކުމާ ފާހިޝް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ ގިނަ ތަންތަން މިހާރު ބަންދުކޮށްފައިވާ ކަމަށާއި ތުހުމަތު ކުރެވޭ އެފަދަ ތަންތަނުގެ ލިސްޓެއް އަދިވެސް އެބައޮތް ކަމަށެވެ.