08 Mar 2024, 16:24
ފަލަސްތީނުގެ ޣައްޒާއަށް މިހާރު ކުރިމަތިވެފައިވާ ބިރުވެރިކަމާއި ނުރައްކާތެރިކަމުން ފުރިގެންވާ ހަނގުރާމައިގެ ތެރެއަށް މީގެ ތިން ހަފުތާ ކުރިން ޣައްޒާގެ އައިދާ އަލްބާވީ ވިހެއީ ތުއްތުތުއްތު އަންހެން ކުއްޖެކެވެ.
އިސްރާއީލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ކާނާއާއި ސާފު ބޯފެން އަދި ބޭސް ފަރުވާއިން ވެސް މަހުރޫމުވެފައިވާ ޣައްޒާގެ އެހެން އާންމުންނެކޭ އެއްފަދައިން އައިދާވެސް އޭނާގެ ދަރިފުޅު ވިހެއީ ރަނގަޅު ބޭސް ފަރުވާއެއް ނުލިބިއެވެ. ނުވިތާކަށް ވިހެއުމުގެ ތެރޭގައި ކަނޑައިގެން ގޮސްފައިވާ ތަންތަން ފަހާނެ ރައްކާތެރި ގޮތެއް ނެތްއިރު، ފަހަން ޖެހުނީ އައްސި ވެސް ނުކޮށެވެ.
ދަރިފުޅު ވިހެއުމާ އެކު އައިދާއަށް ދެން ކުރިމަތިވީ އަނެއްކާ ވެސް އިތުރު ގޮންޖެހުމަކާއެވެ. ޣައްޒާގެ އެހެން މަންމައި ފަދައިން އައިދާއަށް ވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ދަރިފުޅު ޖަހާނެ ނެޕީއެއް ހޯދުމެވެ.
"ކޮންމެ ދުވަހަކީ އަހަރެންގެ ތުއްތު އަންހެން ދަރިފުޅަށް ނެޕީއެއް ހޯދުމަށް މަސައްކަތްކުރާ އުދަގޫ ދުވަހެއް. ހާއްސަކޮށް ނެޕީ އަދިވެސް ބޭނުންވާ އެހެން ކުއްޖަކު ގެންގުޅެމުން އެއީ ކުރަން ވަރަށް އުދަގޫ ކަމެއް،" ހަތަރު ކުދިންގެ މަންމަ އަލްޖަޒީރާއަށް ކިޔައިދިނެވެ.

ނެޕީ ލިބުން ދަތިވުމުން ޣައްޒާގެ ފަހާ ތަންތަނުން އަންނަނީ ފޮތިން ނެޕީ ފަހަމުން -- ފޮޓޯ/އަލްޖަޒީރާ
ހަނގުރާމައިގެ ކުރިން ދެ ޕެކެޓް ނެޕީ އެންމެ 10 ޑޮލަރަށް ލިބޭ ކަމަށާއި ނަމަވެސް މިހާރު އޭގެ އަގު ވަނީ އަތް ނުފޯރާ ފަށަށް އަރައިފައި ކަމަށް އައިދާ ބުންޏެވެ. އެހެންވެ، ނެޕީ ލިބޭނެ އެހެން ގޮތެއް ހޯދުމަށް އައިދާއަށް ވަނީ މަޖުބޫރުވެފައެވެ. ބައެއް ފަހަރު ކައިރި ހިސާބުތަކުގައި ހުންނަ ހޮސްޕިޓަލްތަކަށް ވެސް ނެޕީ އެއް ލިބޭތޯ އައިދާ ދެއެވެ. އަދި، އަނެއްބައި ފަހަރު ދެވަނަ ފަހަރު ނެޕީ ބޭނުންކުރެވޭތޯ ކުރިން ބޭނުންކޮށްފައި ހުންނަ ނެޕީ އަވިން ހިއްކައެވެ.
ނެޕީގެ އިތުރުން ތުއްތު ކުދިން ބޭނުންކުރާނެ ކިރު ވެސް ޣައްޒާއިން ނުލިބެއެވެ. ހަނގުރާމަ ފެށިތާ ދެ ދުވަސް ފަހުން އޮކްޓޫބަރު ނުވަވަނަ ދުވަހު ވިހޭ ގައްޒާގެ ނަރީމާން ބުނި ގޮތުގައި ޣައްޒާއިން ލިބޭ ކުޑަކުދިންގެ ކިރު ގަނެވޭނެހާ ތަނަވަސްކަމެއް އޭނާގެ ނެތެވެ. އަދި، ނެޕީ ބޭނުންނުކުރުމުގެ ސަބަބުން އޭނާގެ އަންހެން ދަރިފުޅުގެ ހަންގަނޑު ހަލާކުވެފައިވާ ކަމަށް ނަރީމާން ކިޔައިދިނެވެ.
ނެޕީ ލިބުން ދަތިވުމާ ގުޅިގެން ޣައްޒާގައި ހުރި ބައެއް ފަހާ ތަންތަނުން އަންނަނީ ފޮއްޗާއި، ނައިލޯނު، އަދި ކަރުދާސް ފަދަ ތަކެތިން ނެޕީ ހަދަމުންނެވެ. ނަމަވެސް އެ ނެޕީއަކީ ކުދިންގެ ހަންގަނޑަށް އެއްގޮތަކަށް ވެސް ރައްކާތެރި އަދި ފަސޭހަ އެއްޗެއް ނޫން ކަމަށް ޣައްޒާގެ މަންމައިން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމުންނަށް ވަނީ ފެނާ ކާނާ އަދި ބޭސްވެސް ލިބުން ދަތިވެފައެވެ. އިސްރާއީލުން އަންނަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެކި ގޮތްގޮތުން ހުރަސް އަޅަމުންނެވެ.