ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ހަތަރު ވަޒީރުންގެ ނަންފުޅާއި އިންޑިއާ އަށް ކަނޑައަޅުއްވާ ސަފީރުގެ ނަންފުޅު ދިރާސާ ކުރުމަށް ކޮމިޓީއަކަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓުމަށް ފަހު، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ޖެންޑާ ފެމިލީ، އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ދިޔާނާ ސައީދުގެ އިތުރުން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒާއި ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދުގެ ނަންފުޅު މަޖިލީހަށް އިއްވެވުމަށް ފަހު އެ ނަން ފުޅުތައް ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވިކަން އިއްލާން ކުރެއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމެވެ.

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މ. ފުންފިނި މުހައްމަދު ނަސީރުގެ ނަންފުޅު ދިރާސާ ކުރުމަށް ފޮނުވީ ގައުމީ ސަލާމަތުގެ ކޮމިޓީ އަށެވެ. މީގެ އިތުރުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައިވާ ފަސް ބޭފުޅުންގެ ނަންފުޅު މަޖިލީހަށް އިއްވެވުމަށް ފަހު އެ ނަންފުޅުތައް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީ އަށް ފޮނުވިކަން ވެސް ރިޔާސަތުން އިއްލާން ކުރެއްވި އެވެ.

މީރާގެ ބޯޑަށް މެންބަރަކު ހޮވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ފަސް ބޭފުޅުންގެ ތެރޭގައި ހިމެނެނީ، މ. ނަރުގިސްމާގެއާގެ އާއިޝަތު އަރޫޝާ އާއި ހ. މަޑިވަރު ފާތިމަތު ސުޖާތާ ހަލީމް އާއި ސ. ހުޅުދޫ ވާރުގެ އާތިރާ އަލީ އާއި ގދ. މަޑަވެލީ ގަހާ އަހުމަދު މުނައްވަރާއި ލ. މާވަށު އަސްރަފީހިޔާ އަހުމަދު ފާއިޒު މުހައްމަދެވެ.