07 Mar 2024, 14:27
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުން ރެއާލް ޖާގަހޯދާފައިވަނީ ރައުންޑް އޮފް ސިކްސްޓީންގައި ޖަރުމަނު ބުންޑަސްލީގާގެ އާރްބީ ލެއިޕްޒިގް އާ ބައްދަލުކޮށް ކުޅުނު ދެލެގު ދެ ލަނޑު އެއް ލަނޑުގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އެއް ލަނޑު ސުން ލަނޑުން ރެއާލް ރަށުން ބޭރުގައި ކާމިޔާބު ކުރިއިރު ރޭ ކުޅުނު ދެވަނަ ލެގު ރެއާލްގެ ދަނޑުގައި ކުޅެ ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއް ވަރު ވެގެންނެވެ.
މިދެޓީމުގެ މެދުގައި ކުޅުނު ދެވަނަ ލެގުގައި ގިނައިރު ރެއާލްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލެއިޕްޒިގްއިންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަނަވަސްކޮށްފައިވަނީ ލެއިޕްޒިގްއިންނެވެ. ނަމަވެސް ފުރަތަމަ ލެގް އެކޭ އެއްގޮތަށް މިމެޗުގައިވެސް ފެނިގެންދިޔައީ އެޓީމަށް ލިބެމުންދިޔަ ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފި ބޭކާރުވެގެންދިޔަ ތަނެވެ. މިއާއެކު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފާވަނީ ރެއާލްއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 65 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާއެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓު ފަހުން ލެއިޕްޒިގްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ވިލީ އޯބާންއެވެ. މިލަނޑާއެކު ލެއިޕްޒިގްގެ އުންމީދު އާވެ އެޓީމުން އިތުރު ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިއެވެ. މިގޮތުން ރެއާލްއަށް މެޗުގެ ފަހު ވަގުތު ކޮޅު ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހުނު ވަގުތުވެސް އައެވެ. މިގޮތުން މެޗުގެ އިތުރު ވަގުތުގައި ލެއިޕްޒިގްއިން އުފެއްދި ހަމަލާއެއްގައި ޑާނީ އޯލްމޯ ފޮނުވަލި ހަމަލާ އަމާޒުވީ ރެއާލްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މިކާމިޔާބީއާއެކު ރެއާލްއިން މިވަނީ ވޭތިވެދިޔަ 14 ސީޒަންގެ ތެރޭގައި 12 ވަނަ ފަހަރަށް މިމުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ.