ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީ ޖާގަ ހޯދާފައިވަނީ ރައުންޑް އޮފް ސިކްސްޓީންގައި ޑެންމާކްގެ ޗެމްޕިއަން އެފްސީ ކޯޕެންހޭގަން އާ ބައްދަލުކޮށް ހަ ލަނޑު ދެ ލަނޑުގެ އެގްރީގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ދެ ލެގުވެސް ސިޓީއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުގެ ނަތީޖާ އަކުންނެވެ.

މި ގޮތުން ދެވަނަ ލެގު ކުޅެފައިވަނީ ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.

ދެ ޓީމުން ވެސް ގިނަ ބަދަލު ތަކަކާއެކު ނިކުން މި މެޗު ސިޓީއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މި ގޮތުން ސިޓީއިން ވަނީ މެޗުގެ ފަސް ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ލިބުނު ކޯނަރަކުން ކާމިޔާބު ކޮށްދިނީ ޑިފެންޑާ މެނުއަލް އަކާންޖީއެވެ. އަދި މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ސިޓީގެ ލީޑު ފުޅާކޮށްދިނީ ހުނަރުވެރި ފޯވަޑް ހޫލިއަން އަލްވަރޭޒްއެވެ.

މިއީ މި ސީޒަންގައި އޭނާ ކާމިޔާބު ކުރި 16 ވަނަ ލަނޑެވެ. މި ލަނޑާއެކު މި މެޗު ސިޓީއިން ގިނަ ލަނޑު ތަކަކާއެކު ފަސޭހަ ކަމާއެކު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ކޯޕެންހޭގަންއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ރަނގަޅަށް ޑިފެންޑް ކޮށް ލިބޭ ފުރުސަތު ތަކުގައި ސިޓީގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ.

މި މެޗުގައި ކޯޕެންހޭގަންއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބު ކޮށްދިނީ މުހައްމަދު އެލްޔުނޫސީއެވެ. މި ލަނޑާއެކު ސިޓީއަށް ކޮންމެވެސް ވަރަކަށް ސިހުން އައިއިރު ކޯޕެންހޭގަންގެ ކުޅުން އިތުރަށް ރަނގަޅުވިތަން ފެނިގެންދިޔައެވެ. ނަމަވެސް މިއާއެކުވެސް ކޯޕެންހޭގަންއަށް ސިޓީގެ ޑިފެންސް މި މެޗުގައި އިތުރަށް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މި މެޗުގައި ސިޓީއިން ކާމިޔާބު ކުރި ފަހު ލަނޑު އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޖަހައިދިނީ ހުނަރުވެރި ފޯވަޑް އާލިން ހާލަންޑްއެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބު ކުރި ހަ ވަނަ ލަނޑެވެ. މިއާއެކު ހާލަންޑް އުޅެނީ ހެރީ ކޭން އާއި ކިލިއަން އެމްބާޕޭ އާ އެކު ލަނޑު ލިސްޓުގެ އެންމެ ކުރީގައެވެ. އަދި މިއީ މި ސީޒަންގައި ހާލަންޑް ކާމިޔާބު ކުރި 29 ވަނަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔައެވެ. މި ކާމިޔާބީއާއެކު ސިޓީއިން މި ވަނީ ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުން ޖާގަހޯދައިފައެވެ. ކުއާޓާ ފައިނަލްގައި އެ ޓީމު ބައްދަލުކުރަންޖެހޭނެ ޓީމެއް އަދި ފައިނަލަށް ދިއުމަށް އޮތް މަގު އެނގިގެންދާނީ މި މަހުގެ 15 ވަނަ ދުވަހު ބާއްވާ ގުރުއަތުލުމަށް ފަހުއެވެ.