ބެއިޖިން (ޖޫން 4) : އެމެރިކާގެ ކަނޑުގެ ބާރުތައް ފޮނުވައިގެން ދެކުނު ޗައިނާ ކަނޑުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ނުކުރުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފި އެވެ.

ޗައިނާގެ ރަސްމީ ނޫސްއެޖެންސީން މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނީ ދެކުނު ޗައިނާ ކަނޑަށް އަޝްކަރީ ބާރުތައް ފޮނުވައިގެން އެސަރަޙައްދުގެ މަސްވެރިކަމާއި ދަތުރުފަތުރަށް ހުރަސްއެޅޭފަދަ އަމަލުތައް ނުހިންގުުމަށް އެމެރިކާއަށް ގޮވާލާކަމުގަ އެވެ. އަދި މިސަރަޙައްދުގައި އެމެރިކާގެ އަޝްކަރީ ބާރުތައް އިތުރަށް ފެތުރުމަކީ ދެކުނު ޗައިނާ ކަނޑަކީ ސުލްހަވެރި ތަނަކަށް ހެދުމަށް ޗައިނާއާއި ސަރަޙައްދުގެ ގައުމުތަކުން ކުރަމުންގެންދާ މަސައްކަތާ ފުށުއަރާ ކަމެއްކަންވެސް ޗައިނާގެ ރަސްމީ ނޫސްއެޖެންސީން ނެރެފައިވާ ބަޔާނުގައިވެ އެވެ.

ޗައިނާއިން މިގޮތަށް ވާހަކަ ދައްކާފައި މިވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ރުކުރުވާލާފައިވާ އެެމެރިކާގެ އަޝްކަރީ ބާރުތަކުގެ 60 ޕަސެންޓް އޭޝިޔާ ޕެސިފިކް ސަރަޙައްދަށް ބަދަލުކުރުމަށް ނިންމައިފިކަން ޕެންޓަގަންއިން އިއުލާން ކޮށްފައިވަނިކޮށެވެ.

މިދިޔަ ހަފްތާ އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނީ 2020 ވަނަ އަހަރާ ހަމައަށްދާއިރު ގައުމުން ބޭރުގައި އެމެރިކާ ރުކުރުވާލާފައިވާ އަޝްކަރީ ބާރުތަކުގެ 60 ޕަސެންޓް އޮންނާނީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި ކަމަށާއި އެސަރަޙައްދުގައި އެމެރިކާގެ ބާރު ވަރުގަދަކުރުމުގެ ކަންތައް މިހާރުވެސް ކުރިޔަށްދާ ކަމަށެވެ.

މިކަން ހާމަކުރުމާއެކު ޕެންޓަގައިންއިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން ގެއްލޭގޮތަށް ޗައިނާ އަމަލުކުރަމުން ގެންދާކަމަށް އެމެރިކާ ކުރިއްސުރެ ކުރަމުންގެންދާ ތުހުމަތުތައް އަލުން ތަކުރާރުކޮށްފަ އެވެ. ދެކުނު ޗައިނާ ސަރަޙައްދު ހިމެނޭގޮތަށް އޭޝިޔާ ޕެސިފިކްގެ ކަނޑުގެ ސަރަޙައްދަށް އެމެރިކާގެ އަޝްކަރީ އިތުރު ބާރުތައް ޖަމާކުރުމަކީ އެސަރަޙައްދުގެ އަޝްކަރީ ތިލަފަތަށް ބުރޫއަރާނެ ކަމެއްކަންވެސް ޗައިނާގެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.
(ނޫސްއެޖެންސީތައް)