ދިގު މުއްދަތަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑް ފިލްމީ ތަރިން ކަމަށްވާ ޕުލްކިތު ސަމްރަތާއި ކްރިތީ ކަރްބަންދާގެ ގެ ރަސްމިޔާތު މި މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން ކަށަވަރުވެއްޖެއެވެ.

ދާދި ފަހުން އެންގޭޖް ވެސް ވެފައިވާ ކްރިތީއާއި ޕުލްކިތުގެ ކައިވެނީގެ ހަފްލާ ބާއްވާ ތާރީޚު ކަށަވަރުވެފައިވާއިރު ކައިވެނީގެ ދައުވަތު ކާޑު ވެސް ވަނީ އިންޓަނެޓުގައި ދައުރުވާން ފަށާފައެވެ.

ޕުލްކިތު އާއި ކްރިތީ ދާދިފަހުން އެންގޭޖްވެފައިވާކަން އިއުލާނުކޮށްފައިވީ ނަމަވެސް ކައިވެނީގެ ތާރީޚާ ބެހޭގޮތުން ދެ ތަރިންގެ ފަރާތުން ރަސްމީ ބަހެއް އަދި ނުލިބެއެވެ. ބޮލީވުޑްގައި މާ ބޮޑު ކާމިޔާބެއް މިހާތަނަށް ހޯދިފައިނުވާ ޕުލްކިތު އާއި ކްރިތީ އެކީގައި މިހާތަނަށް މަސައްކަތް ކޮށްފައިވަނީ 2019ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޕަގަލް ޕަންތީ"ގައެވެ.

ފިލްމީ ތަރި ޕުލްކިތު އެކްޓަރު ސަލްމާން ޚާންއާ އެކު-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ފިލްމު "ސަނަމް ރޭ" އާއި "ފުކްރޭ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަމެއް ލިބުނު ޕުލްކިތު މީގެ ކުރިން ވަނީ ކައިވެންޏެއް ކޮށްފައެވެ.

ޕުލްކިތުގެ ކުރީގެ އަންހެނުންނަކީ އެކްޓަރު ސަލްމާން ޚާންގެ އާއިލާއަށް ނިސްބަތްވާ މީހަކަށްވުމާ އެކު ޕުލްކިތުގެ ފުރަތަމަ ކައިވެނި ރޫޅުމުން މީޑިއާގެ ސަމާލުކަން ޕުލްކިތުގެ އަމިއްލަ ދިރިއުޅުމަށް ވަރަށް ބޮޑަށް ލިބުނެވެ. ސަލްމާން ޚާންއަކީ ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އެކްޓަރަށް ވެފައި ސަލްމާނުގެ އާއިލާއާ ގުޅުންހުރި ފަރާތެއްގެ ދިރިއުޅުމުން ޕުލްކިތު ދިއުމުން އޭގެ ނޭދެވޭ އަސަރު އޭނާގެ ކެރިއަރަށް ކުރާނެކަމަށް ވަރަށް ގިނަބަޔަކު އައީ ބުނަމުންނެވެ. ނަމަވެސް ހީކުރި ގޮތާ ހިލާފަށް ސަލްމާނާއި ޕުލްކިތު އެކީގައި ބައެއް އިވެންޓުތަކުން ވެސް ވަނީ ފެނިފައެވެ.