އަބޫޖާ (ޖޫން 4) : ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ނައިޖީރިޔާގެ މަތިންދާބޯޓެއް އިމާރާތެއްގައި ޖެހި އެކްސިޑެންޓް ވުމުގެ ސަބަބުން ބޯޓުން ދަތުރުކުރި 153 މީހުން މަރުވެއްޖެވެ.

ނައިޖީރިޔާގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ވެރިޔާ ހެރަލްޑް ޑިމޮރެން ވިދާޅުވީ އިއްޔެ ހަވީރު މިހާދިސާ ހިނގާފައިވަނީ ވެރިރަށް އަބޫޖާއިން ލޭގޮސް އަށް ދަތުރުކުރި ބޮއިން MD-83 މަރުކާގެ މަތިންދޯޓެއް ލޭގޮސް އެއަރޕޯޓަށް ޖެއްސުމަށްޓަކައި ތިރިކުރަމުން ދަނިކޮށް އިމާރާތެއްގައި ޖެހިގެންނެވެ. މިއެކްސިޑެންޓްގެ ސަބަބުން ބޯޓުގައި އަލިފާންރޯވެ ބޯޓު ގޮވާފައިވާއިރު ބޯޓުން ދަތުރުކުރި އެކަކުވެސް ސަލާމަތް ނުވާކަމަށް ހެރަލްޑް ވިދާޅުވި އެވެ. އެ ބޯޓުން 153 މީހަކު ދަތުރުކުރި ކަމަށްވެސް ވިދާޅުވި އެވެ.

ލޭގޮސްގެ ފުލުހުންގެ ތަރްޖަމާން ޖޯޒެފް ޖަޔޫބާ ވިދާޅުވީ ނައިޖީރިޔާގެ ޑާނާ އެއާގެ މިބޯޓު ޖެހި އެކްސިޑެންޓްވި އިމާރާތަކީ 15 މިލިޔަން މީހުން ދިރިއުޅޭ ލޭގޮސްގެ ބައިބޯ އަވަށެއް ކަމަށްވާ އީޖޫގައި ދެބުރިއަށް ހަނދާފައި ހުރި އިމާރާތެއް ކަމަށެވެ. އެ ހާދިސާ ހިނގިއިރު އިމާރާތުގައި މީހަކުހުރިކަން އެނގިފައިނުވާ ކަމަށާއި މަރުވި އެންމެންނަކީވެސް މަތިންދާބޯޓުގެ ފަސިންޖަރުންނާއި ފަޅުވެރިންކަމަށް އޭނާ ވިދާޅުވި އެވެ.

ނައިޖީރިޔާގެ ރައީސް ގުޑްލަކް ޖޮނަތަން ވަނީ މިހާދިސާގެ ސަބަބުން ގައުމަށް ކުއްލި ސިހުން ލިބުނުކަން ހާމަކުރައްވައި މަރުވި މީހުންގެ ހަނދާނުގައި 3 ދުވަހުގެ ގައުމީ ހިތާމަ އިޢްލާންކުރައްވާފަ އެވެ. މި ޙާދިސާ ހިނގާފައިމިވަނީ ނައިޖީރިޔާގެ އެހެން އެއާލައިނެއްގެ މަތިންދާބޯޓެއް ގާނާގެ ވެރިރަށް އަކްރާ އެއާޕޯޓަށް ތިރިކުރަންއުޅުމުގެ ތެރޭގައި ބަހެއްގައި ޖެހި އެކްސިޑެންޓްވެ 10 މީހަކު މަރުވިތާ 24 ގަޑީއިރުވެސް ނުވަނީހެވެ.

އެފްރިކާގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ނައިޖީރިޔާގެ އެއާލައިންތަކުގެ މަތިންދާބޯޓުތަކަކީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ދަށް، މަރާމާތުކުރުމާއި ބެލެހެއްޓުމުގައި ވަރަށް ފަރުވާކުޑަ ބޯޓުތަކެކެވެ. މިދިޔަ މޭމަހުވެސް ނައިޖީރިޔާގެ ޑާނާ އެއާގެ މަތިންދާބޯޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ލޭގޮސް އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސާފައި ވެއެވެ. (ނޫސްއެޖެންސީތައް)