މާފަންނު ގަޑިބުރު ކައިރީގައި ހުންނަ މަސާޖް ޕާލާއެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު މިރޭ އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ވަދެފައި ވަނީ ޝާހާ އަލްޓަނޭޓިވް މެޑިކަލް ސެންޓަރުގައި ނަމުގައި ހިންގަމުން އައި ތަނަކަށެވެ. އެތާނގެ ތެރެއިން ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ ތިން އަންހެނުން ފުލުހުން ހައްޔަރުކުރި އެވެ.

ސީޓްރޫ އޮޕްޓިކަލްއާ ޖެހިގެން ހުންނަ ގޭގެ ފުރަތަމަ ފަންގިފިލާގައި ހިންގަމުން އައި މަސާޖް ޕާލާއަށް ފުލުހުން ވަނީ މިރޭ ގާތްގަނޑަކަށް 11:00 ޖަހާއެހާކަންހާއިރު އެވެ. އެތަން ރޭޑް ކުރުމަށްފަހު ފަސް މީހުން ހައްޔަރުކޮށްގެން ގެންދިޔައިރު އެތަނުގެ ތެރެއިން ތިން ދަބަސް ވެސް ގެންދިޔަ އެވެ. އެ އެންމެނާއި ތަކެތި ނެރެގެން ގެންދިޔައިރު އެވަގުތު އެގޭގެ އެޕާޓްމަންޓްތަކުގައި ތިބި މީހުންނާއި އާންމުންގެ ގިނަ ބަޔަކު ވެސް އެ ސަރަހައްދަށް އެއްވި އެވެ.

މި މަސާޖް ޕާލާ އާއި އެތަނުން ހައްޔަރު ކުރި މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން އަދި ހަމައެއް ނުކުރެ އެވެ. ނަމަވެސް ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަން އިރު އެތާނގެ ދެ ކޮޓަރިއެއްގައި ބަދުއަހުލާގީ އަމަލުތައް ހިންގަމުންދިޔަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ފަހުން، ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ހަތް ތަނެއް އަތުލައިގަނެ ބަންދުކޮށްފަ އެވެ. މިއީ އަށް ވަނަތެނެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ ހަށިވިއްކުމާ ފާހިޝް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ ގިނަ ތަންތަން މިހާރު ބަންދުކޮށްފައިވާ ކަމަށާއި ތުހުމަތު ކުރެވޭ އެފަދަ ތަންތަނުގެ ލިސްޓެއް އަދިވެސް އެބައޮތް ކަމަށެވެ.