ޖުމުހޫރީ ޕާޓިން މިހާރު އިއުލާން ކޮށްފައިވާ އެއްވެސް މަގާމަކަށް ޝައުގުވެރި ނުވާކަމަށް އެމްޑީޕީން ވަކިވެ ވަޑައިގެން އަލަށް ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި އަލްހާނު ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާނު ޖުމުހޫރީ ޕާޓިއަށް ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިއަކު ދެނެވި ސުވާލަށް ޖަވާބު ދެއްވަމުން އަލްހާނު ވިދާޅުވީ މިޙާރު ޖުމުހޫރީ ޕާޓީން އިއުލާން ކޮށްފައިވާ އެއްވެސް މަގާމަކަށް އޭނާ ކުރިމަތިލާން ގަސްދު ނުކުރައްވާ ކަމަށާއި ޕާޓީގެ މަގާމަކަށް ކުރިމަތިލާން ގަސްތުކުރަނީ ޕާޓީއަށް ހިދުމަތް ކުރުމަށް ފަހު ކަމަށެވެ.

"މިހާރު އުފައްދާފައިވާ އެއްވެސް މަގާމަކަށް ކުރިމަތިލާކަށް އަޅުގަނޑު ގަސްދެއް ނުކުރަން.އަޅުގަނޑު ގަބޫލް ކުރަނީ ޕާޓީއަށް ކޮންމެވެސް ވަރެއްގެ ހިދުމަތްތަކެއް އެބަޖެހޭ ކުރަންވެސް ޕާޓީގެ މެންބަރުންނަށްވެސް އެގެން ޖެހޭ އަޅުގަނޑުމެންނަކީ އިހުލާސްތެރި ކަމާއި އެކު މަސައްކަތްކުރާ ބައެއްކަން، އެކަން އެގުނީމައި ދެން ކުރިމަތިލީމައި ރައްޔިތުން ވޯޓް ދެނީ. އެމްޑީޕީގެ ވެސް ނައިބުރައީސް ކަމުގެ މަގާމަށް ކުރިމަތި ލީ އެޕާޓީ އަށް ވެސް ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްފައި،" އަލްހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ލީޑާރޝިޕަށް ކުރިމަތިލައްވާ ނަމަ ޕާޓީގެ މެންބަރުންގެ އިތުބާރު ހޯއްދަވައިގެން އެމަގާމު ތަކަށް ކުރިމަތިލައްވާނެ ކަމަށާއި ސިޔާސީ ގޮތުން ހަތަކާތްތެރިވާން ސިޔާސީ މާހައުލުން ފުރުސަތު ލިބިފައިވާތީ އެކަމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަލްހާނާއި ޑީޑީ ޖުމުހޫރީ ޕާޓީއާއި ގުޅުނީ އެދެ ބޭފުޅުންނަށް ލީޑާޝިޕުން މަގާމުތަކެއް ދެއްވަން އެއްބަސްވެގެން ކަމަށް މީޑިޔާގައި ދެކެވެމުން ދާ ވާހަކަތަކަށް ރައްދު ދެއްވައި އަލްހާނު ވިދާޅުވީ ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ އެއްވެސް ޝަރުތު ތަކެއް ކުރިމަތި ކޮށްގެން ނޫންކަމަށާއި ނަމަވެސް ޖުމުހޫރީ ޕާޓީ ވިލާގެ ޕޮލިޓިކަލް ޑިޕާޓްމަންޓެއްގެ ގޮތުގައި ނުހިންގުމަށް ލީޑަރު ގާސިމް އަރިހު ދެންނެވި ކަމަށެވެ.

"މިޕާޓީއާއި ގުޅެން އައިސް އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން ބޭނުންވަނީ އެންމެ ކަމެކޭ ޖުމުހޫރީ ޕާޓީ އަކީ ސިޔާސީ އެހެނިހެން ބޭފުޅުން ލޭބަލް ކޮށްފައި އޮންނަ ގޮތަށް ވިލާގެ ޕޮލިޓިކަލް ޑިޕާޓްމަންޓެއް ގޮތުގައި ނުހައްދަވައްޗޭ. ޖުމުހޫރީ ޕާޓީ ހިންގަން ވާނީ ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގާ އުސޫލާއި ނިޒާމާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް،" އަލްހާނު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލު ވުމުގައި ޖުމުހޫރީ ޕާޓީއާއި އަލަށް ގުޅިވަޑައިގެން ކުރީގެ އެމްޑީޕީގެ ރައީސް ޑރ އިބުރާހިމް ދީދީ(ޑީޑީ) މަގާމަކަށް ކުރިމަތި ނުލައްވާނެ ކަމަކަށް ވިދާޅެއްނުވެ އެވެ. އަދި އޭނާ ވިދާޅުވީ އެޕާޓީއަށާއި އެޕާޓީގެ މެންބަރުންނަށް ހިދުމަތް ދިނުމުގައި ޕާޓިގެ ލީޑާޝިޕުން ޖާގަ ލިބިއްޖެނަމަ އެކަމުގައި ވެވެން އޮތް އެންމެ ރަނގަޅަށް އެހީތެރިވާނެ ކަމަށެވެ.

އަލްހާނާއި ޑީޑީ އެޕާޓީއާއި ގުޅިވަޑައި ގެންނެވުމުގެ ކުރިން އެޕާޓީގައި ޕާޓީގެ ލީޑަރަކާއި ނައިބު ހަތަރު ލީޑަރުން ތިއްބެވި ނަމަވެސް މި ފަހުން މަގާމުތަކަށް ގެނައި ބަދަލާއި އެކު އެޕާޓީގެ ރައީސް ކަމުގެ މަގާމާއި ނައިބު ރައީސްކަމުގެ މަގާމު އަދި ޕޮލިސީ ސެކްރެޓަރީގެ މަގާމު ވަނީ އުފައްދައިފަ އެވެ.

ޖުމުހޫރީ ޕާޓިގެ އޮފިޝަލަކު ނަންނުޖެހުމަށް ޝަރުތުކޮށް ސަން އޮންލައިންއަށް އަށް މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ރައީސް ކަމުގެ މަގާމު ޑީޑީ އަށް އަދި ނައިބު ރައީސް ކަމުގެ މަގާމު އަލްހާނަށް އަދި ޕޮލިސީ ސެކްރެޓަރީގެ މަގާމު ހަސަން ޝާހުއަށް ދެއްވާ ގޮތަށް ޕާޓީގެ ތެރޭގައި މަޝްވަރާކުރެވުނު ކަމަށެވެ.