06 Mar 2024, 12:02
ގައުމީ ޗާޕުޚާނާއެއް ގާއިމުކުރަން ސަރުކާރުން ވައުދުވީގޮތަށް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ގައުމިއްޔަތު ދިރުވުމުގެ ސިޔާސަތުގެ ދަށުން ގައުމީ ޗާޕުޚާނާއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި، ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފަށަން ނިންމާފައިވާ މަޝްރޫއެކެވެ.
ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ޗާޕުޚާނާ ގާއިމުކުރަން ތައްޔާރުކުރަންޖެހޭ ކަރުދާސްތައް ތައްޔާރުކޮށް، ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.
"ތިން މަސް ދުވަހުގެ މުއްދަތުގައި ޗާޕުހާނާ ގާއިމުކުރުމުގެ މަސައްކަތް ކަނޑައެޅިފައި އޮތީ. އެ ކަން އިރާދަކުރެއްވިއްޔާ އެ މުއްދަތުގައި ހިނގާނެ. މިހާރު ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެވި އެ މަސައްކަތްތައް ކުރިއަށް އެބަދޭ،" ނަސީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ޗާޕުޚާނާގެ އެންމެ މުހިއްމު ބޭނުމަކީ ދިވެހި ގައުމިއްޔަތާއި ތަރިކައާއި ތާރީޚާއި ދިވެހީންގެ އަމިއްލަވަންތަކަމާއި ގުޅިފައިވާ އިލްމުތައް، އަދި އެ ކަންކަމާ ގުޅިފައިވާ މައުލޫމާތުތައް އެއްކުރައްވާ ބޭފުޅުންނަށް އެ ބޭފުޅުންގެ ފޮތްތައް އޭގެ ފުރަތަމަ 100 އެއްހައި ކޮޕީ ނުވަތަ 50 އެއްހައި ކޮޕީ ދައުލަތުން ޗާޕުކޮށްދިނުން ކަމަށެވެ.
"އެއީ، މި ދާއިރާއަކީ ބައެއް ފަހަރަށް އަދި ރާއްޖޭގެ ހާލަތު އޮތްގޮތުން ފޮތްތެރިކަން އަޅުގަނޑުމެންގެ ކުޑަވީމާ، އެކަން ތަންކޮޅެއް ދަށުގައި ހުރީމާ، ވިޔަފާރިވެރި ދާއިރާއަކަށްނުވޭ،" ވަޒީރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ، އާންމު ވިޔަފާރިއަށް މި މަސައްކަތްކުރައްވާ ޗާޕުޚާނާތަކުން މި ކަންކަން ކުރުމުގައި އެ ބޭފުޅުންނަށް ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ. އެހެންވެ، ގައުމީ ޗާޕުޚާނާ ގާއިމުކުރެވުމާ އެކު ފޮތްތެރިކަމަށް ދިރުން އައިސް އެ ކަމުގެ ސަބަބުން ޗާޕުޚާނާތަކަށް ވެސް ދިރުން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމީ ޗާޕުޚާނާއިން އެންމެ މައިގަނޑު ގޮތެއްގައި ޗާޕުކުރާނީ ވަޒީރު ވިދާޅުވި ގޮތުގައި ވުޒާރާއިން އެކުލަވައިލާ ކަރުދާސްތަކާއި ވުޒާރާއިން ތަރުޖަމާކުރާ ފޮތްތަކާއި އަދި، ދިވެހީންގެ އަސްލުތައް ރައްކާކުރާ، ޖަމާކުރާ ފޮތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.