03 Jun 2012, 21:28
އެއްމަސް ދުވަހުގެ ޗުއްޓީއަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް މާދަމާ ފަށާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ހެންދުނު 9:00 ޖަހާއިރު ފެށޭނޭ ކަމަށެވެ.
މާދަމާގެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ހަތަރު ކަމަކާއި، ނުނިމިއޮތް ހަތް ބިލެއްގެ ބަހުސް ކުރިއަށް ގެންދިއުމުގެ އިތުރުން ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ރިޕޯޓުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި އަލަށް އުފެއްދެވި ދެ މިނިސްޓްރީ އާއި ނަމަށް ބަދަލު ގެންނެވި ދެ މިނިސްޓްރީއަށް އައްޔަން ކުރެއްވި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.
އެގޮތުން ސަރުކާރުން އުފެއްދެވި އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި، ޑރ. މަރިޔަމް ޝަކީލާ އާއި ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ދިޔާނާ ސައީދުގެ އިތުރުން، ނަން ބަދަލު ކުރެއްވި، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީ މިނިސްޓްރީގެ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި، ޑރ. މުހަންމަދު މުއިއްޒާއި ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވި، ޑރ. އަހުމަދު ޖަމްޝީދު ގެނަން މާދަމާގެ ޖަލްސާގައި އިއުލާން ކުރެއްވުމަށްފަހު އެ ނަންފުޅުތައް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވާނެ އެވެ.
މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ނަންތައް ދިރާސާކުރަން ކޮމެޓީއަށް ފޮނުވުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މާދަމާގެ ޖަލްސާއަށް ރައީސްގެ މޭޒުން ހުށަހެޅުމަށް ހަމަޖެހިފައިވާ އިތުރު ކަންތައްތަކަކީ އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ނަންފުޅު މަޖިލީހުގައި ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވުމާއި، "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރެޑް އިން އެންޑޭންޖަރޑް ސްޕީޝީޒް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)" ގައި ރާއްޖޭން ބައިވެރި ވުމުގެ މައްސަލަ އެވެ.
މަޖިލީހަށް މެންބަރުން ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން ނުނިމިހުރި މައްސަލަތަކުގެ ގޮތުގައި ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވާ ކަންތައްތަކަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ސިވިލްސާވިސްގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި، މާލިއްޔަތުގެ ގާނޫނަށް އިއްލާހް ގެނައުމުގެ ބިލާއި، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމު ހުށަހަޅުއްވާފައިވާ ޕެންޝަންގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލް ހިމެނެ އެވެ.
އަދި އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ގަނޫނަށް އިސްލާހް ގެނައުމުގެ ބިލާއި، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އެ ކޮމިޝަނުން އަދާ ކުރުމަށް ވަކި ފަރާތަކުން ހުރަސް އަޅަމުން ގެންދާކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.