ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބް ސީރީސް "ހީރަމަންޑީ" ކުރިއަށް އޮތް އޭޕްރިލް މަހު ނެޓްފްލިކްސްއިން ޕްރިމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން މި ވެބް ސީރީސް ޕްރިމިއާ ކުރަން ނިންމާފައިވަނީ ކޮންމެ ހަފުތާއަކު އެޕިސޯޑެއް ގެނެސްދޭ ގޮތަށެވެ. ނަމަވެސް ބެލުންތެރިން އެކަމާ މާޔޫސްވާން ނުޖެހޭނެ ކަމަށާއި އޭގެ ސަބަބަކީ ގެނެސްދެވޭ ކޮންމެ އެޕިސޯޑަކީ ވެސް ފީޗަ ފިލްމެއްފަދަ އެޕިސޯޑަކަށް ވާތީކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

މި ވެބް ސީރީސް އަކީ ޕްރިމިއާ ކުރާނެ ދުވަހަކަށް ބެލުންތެރިން ވަރަށް ބޮޑު އިންތިޒާރެއް ކުރަމުން އަންނަ ވެބް ސީރީސްއެކެވެ.

"ހީރަމަންޑީ"ގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު ސަންޖޭ ރަސްމީކޮށް ޑައިރެކްޓުކޮށްފައި ވަނީ ވެބް ސީރީސްގެ ފުރަތަމަ އެޕިސޯޑުކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ވެބް ސީރީސްގެ އެހެން ހުރިހާ އެޕިސޯޑަކާ އެކު ޖުމްލަ ގޮތެއްގައި ހުރިހާ މަސައްކަތެއް ވެސް ސަންޖޭ ވަރަށް ގާތުން ބަލަމުން އަންނަކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ވެބް ސީރީސް "ހީރަމަންޑީ"ގެ ބައެއް ބަތަލާއިން ކަމަށްވާ މަނީޝާ ކޮއިރަލާ، ރިޗާ ޗައްދާ އަދި ސޮނާކްޝީ ސިންގްހާ-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ޚަބަރު ލިބޭގޮތުގައި "ހީރަމަންޑީ" ޕްރިމިއަކުރާނެ ވަކި ދުވަހެއް ރަސްމީކޮށް އިއުލާނު ނުކުރެވިގެން އުޅެނީ މި ވެބް ސީރީސްގެ ޕްރޮމޯޝަންއަށް ވަގުތު ހަމަނުޖެހި އޮތުމުންނެވެ.

ބެލުންތެރިންނަށް "ހީރަމަންޑީ"ގެ ފުރަތަމަ ޓީޒާ އާއްމުކޮށްފައި ވާއިރު މި ސީރީޒަކީ އިންޑިއާއަށް މިނިވަންކަން ލިބުމުގެ ލިބުމުގެ ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންނަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. މި ވެބް ސީރީސްގެ މުހިއްމު ރޯލް ކުޅޭ ތަރިންގެތެރޭ ސޮނާކްޝީ ސިންހާ، މަނީޝާ ކޮއިރަލާ، ރިޗާ ޗައްޑާ، އަދިތީ ރާއޯ ހައިދްރީ، ސަންޖީދާ ޝެއިހް އަދި ޝަރުމިން ސޭގަލް ހިމެނެއެވެ.