03 Jun 2012, 20:09
ދުންފަތް ކޮންޓްރޯލް ކުރަން ކުރައްވާ މަސައްކަތް ޕުޅުގައި ދުންފަތުގެ އިންޑަސްޓްރީއާއި ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ނުފޫޒު އެމަނިކުފާނާ ހަމައަށް ނާންނާނެ ކަމަށް ހެލްތު މިނިސްޓަރު އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑްގެ ޗެއާމަން ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން މިނިސްޓްރީ އޮފް ހެލްތުގައި މިއަދު ބޭއްވި ހާއްސަ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ޖަމްޝީދު ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅަން އެ ވިޔަފާރީގައި އުޅޭފަރާތްތަކުން ނުފޫޒުފޯރު ފޯރުވުމުގެ މަސައްކަތް ރާއްޖޭގައި ވެސް ކުރާ ކަމަށެވެ. ނަމަވެސް އެ ނުފޫޒު ދުންފަތް ކޮންޓްރޯލް ބޯޑުގެ މެމްބަރުންނާ ހަމައަށް ނާންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި އަދި އެމަނިކުފާނަށް ނުފޫޒު ނުފޯރުވޭނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ސަތޭކަ ޕަސެންޓް ދަންނަވަން އިނގޭ އަޅުގަނޑާ ހަމައަކަށް ނުފޫޒެއް ނާންނާނެ، ލާހިކެއް ނޫން ވިޔަފާރިކުރާ އެއްވެސް ފަރާތަކަށް، އަޅުގަނޑުގެ މައްޗަށް ނުފޫޒު ފޯރުވައިގެން އެންމެ ތަންކޮޅެއް ވެސް އެމީހުން ބޭނުންވާ ގޮތަށް ބަދަލުކުރުވާކަށް، އަދި އެއްވެސް ކަމެއް ލަަސްކުރުވާކަށް ވެސް،" ޑރ. ޖަމްޝީދު ވިދާޅު ވިއެވެ.
އޭނާ އަދި ވިދާޅުވީ ދުންފަތް ކޮންޓްރޯލް ބޯޑްގެ މެމްބަރުންނަށް ނުފޫޒު ނުފޯރުވުނަސް، ނުފޫޒު ފޯރުވޭ ފަރާތްތައް އުޅޭނެ ކަމަށާއި ދުންފަތް ކޮންޓްރޯލް ކުރުމަކީ ހަމައެކަނި ބޯޑަށް ނުވަތަ ހެލްތު މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އާއްމު ސިއްހަތު ސަލާމަތް ކުރުމުގައި ހުރިހާ ފަރާތްތަކެއްގެ ޒިންމާ ވެސް އެބަ އޮތް ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ބޯޑުން މިއަދު ބޭއްވި ހާއްސަ ބައްދަލުވުމުގައި ދުންފަތުގެ ވިޔަފާރިކުރުން ހުއްޓާލި 15 ވިޔަފާރިއަކަށް ހަނދާނީ ލިއުން ދިނުން އޮތެވެ. އަދި ދުންފަތް ކޮންޓްރޯލް ބޯޑަށް އަލަށް އައްޔަން ކޮށްފައިވާ ބޭފުޅުން އިގުރާރުވުވަޑައިގަތުމާއި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ތަންފީޒު ކުރުމާ ބެހޭ ގޮތުން މީޑއާއަށް މައުލޫމާތު ދެއްވުން ވެސް އޮތެވެ.
ދުންފަތް ކޮންޓްރޯލް ބޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ކުރާ މަސައްކަތްތައް ކޯޑިނޭޓްކޮށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ލަފާ ދިނުމަށް އުފައްދާފައިވާ ބޯޑެކެވެ. އެބޯޑްގެ ޗެއާމަނަކީ މިނިސްޓަރު އޮފް ހެލްތު ޑރ. އަހުމަދު ޖަމްޝީދެވެ.