އިންކުއަރީ ކޮމިޝަނަށް ރައީސް މުހަންމަދު ނަޝީދު އެންމެ ފަހުން ހުށަހެޅުއްވި ނަންފުޅު ސަރުކާރުން ބަލައިގެންފި ކަން ސަން އޮންލައިން އަށް ކަށަވަރުވެއްޖެ އެވެ.

ސަރުކާރުގެ އިސްއޮފިޝަލަކު މިރޭ ވިދާޅުވީ އިންކުއަރީ ކޮމިޝަނަށް ރައީސް ނަޝީދު އެންމެ ފަހުން ފޮނުއްވި ނަންފުޅު ސަރުކާރުން ގަބޫލުކޮށްފައިވާ ކަމަށާއި އެ ނަންފުޅު މިހާރު ކޮމަންވެލްތާ ހިއްސާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެނަންފުޅު އާންމުކޮށް ހާމަކުރާނީ ކޮމަންވެލްތުގެ ބަހެއް އެނަމަށް ލިބުމުން ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ނަން ފަހުގެ ތާރީހެއްގައި ހާމަކުރާނަން، އެއީ އަދި މިހާރަކު ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

ކޮމިޝަންގައި ހިމެނުމަށް އެކި ފަހަރު މަތިން ރައީސް ނަޝީދު ވަނީ 12 ނަމެއް ސަރުކާރަށް ހުށަހަޅުއްވައިފަ އެވެ. އޭގެތެރެއިން ސަރުކާރުން ގަބޫލުކުރީ ދެ ނަންފުޅެކެވެ. ހުށަހެޅުއްވި ނަންތަކުގެ ތެރެއިން މީގެ ކުރިން ސަރުކާރުން ގަބޫލުކުރި މަރިޔަމް މަނާލް ޝިހާބުގެ ނަންފުޅު ރައީސް ނަޝީދު އޭރު ވަނީ އަބުރާ ގެންދަވައިފަ އެވެ.

ކޮމިޝަންގައި ހިމެނުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ނަމަވެސް ސަރުކާރުން ގަބޫލުނުކުރި ނަންފުޅުތަކަކީ ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި ނަޝީދުގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުން ކަމަށްވާ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމާއި ޔޫތު މިނިސްޓަރު ހަސަން ލަތީފާއި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހަންމަދާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކުރީގެ މެމްބަރު އިބްރާހިމް ސަލީމުގެ ނަންފުޅެވެ. އެ ނަންފުޅުތައް ސަރުކާރުން ގަބޫލުނުކުރީ ޝަރުތު ހަމަނުވާކަމަށްބުނެ އެވެ.

ަރައީސް ނަޝީދުގެ ފަރާތުން ކޮމިޝަންގައި އިންނަވާ ބޭފުޅެއްގައި ހިމެނުމަށް ސަރުކާރުން ކަޑައަޅާފައިވާ ޝަރުތުތަކަކީ ފުރަތަމަ ޑިގްރީ އޮތުމާއި ފާއިތުވި ދެ އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް މަގާމެއް އަދާކޮށްފައިވާ މީހަކަށް ނުވުމެވެ.

ރައީސް ނަޝީދުގެ މަންދޫބެއްގެ އިތުރުން ދެން ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ ތިން މެންބަރަކާއި ސިންގަޕޫރުގެ ކުރީގެ ފަނޑިޔާރެކެވެ. ކޮމިޝަން ރިފޯމްކޮށް ނިމެންދެން ކޮމިޝަންގެ މަސައްކަތް އޮތީ މިވަގުތަށް މަޑުޖައްސާލައިފަ އެވެ.