15:00


ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު، ޑީއާރުޕީގެ އަބްދުލްމުހްސިން ހަމީދަށް ބަޔަކު ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.


ސަންއެފްއެމް އަށް މައުލޫމާތު ދެއްވަމުން މުހުސިން ވިދާޅުވީ މަޖީދީމަގު 80 ނަންބަރު ފިހާރަ ކުރިމަތީގައި އޮންނަ ގޯޅިއެއްގައި ހުރި ފިހާރައަކަށް މިއަދު މެންދުރު ސައިކަލްގައި އޭނާ ވަޑައިގެންނަވަނިކޮށް އެސަރަހައްދުގައި ތިބި ބަޔަކު މުހުސިންގެ ގާތު މަޑުކުރުމަށް އެދުމުން މިވަގުތު މަޑުކުރެވެން ނެތް ކަމަށް ވިދާޅުވެފައި ވަޑައިގެންނަވަނިކޮށް، އެތަނުން ބަޔަކު ގޮސް އޭނާގެ ގަޔަށް ބޮލަށް އަރައިގަތީ ކަމަށެވެ. އަދި އެތަނުން އެކަކު މުހުސިންގެ ބުރަކަށީގައި ޖެހި ކަމަށްވެސް މުހުސިން ވިދާޅުވި އެވެ.


މުހުސިން ވިދާޅުވީ ވިއްސަކަށް މީހުން ތިބި އެގްރޫޕްގައި ކޮންމެވެސް ވަރަކަށް އޭނާ ދަންނަ މީހުންވެސް ތިބި ކަމަށެވެ.


ފުލުހުން ބުނީ އެ މައްސަލާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމައްސަލަ މިހާރު އިތުރަށް ތަހްޤީޤްކުރަމުން އަންނަ ކަމަށެވެ.