ބާލިން (5 މާޗް 2024): ޖަރުމަނުން ރަޝިއާއާ ދެކޮޅަށް އަސްކަރީ ސިއްރު ރޭވުންތަކެއް ރޭވިކަން ރަޝިއާއަށް ހާމަވުމާ ގުޅިގެން ދެގައުމުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ޔުކްރެއިންއަށް "ތޯރޮސް" މަރުކާގެ މިސައިލް ނުދޭނެކަން ޖަރުމަނުން ހާމަކޮށްފިއެވެ.

ޖަރުމަނުގެ ޗާންސެލާ އޮލްފް ޝޫލްޒްގެ ވަރަށް އަރިސް ބޭފުޅަކާ ހަވާލާދީ އެގައުމުގެ މީޑީއާ ބުނާގޮތުން "ތޯރޮސް" މަރުކާގެ މިސައިލް ޔުކްރެއިންއަށް ނުދޭން ޝޫލްޒް ނިންމަވާފައިވާ ކަމަށާއި އެކަމުގެ ބޭނުމަކީ ރަޝިއާއާއި ޖަރުމަނާ ދެމެދު މިހާރު އުފެދިފައިވާ މައްސަލަ އިތުރަށް ހޫނުވިޔަ ނުދީ ރަޝިއާގެ ރުޅިގަނޑު މައިތިރުކުރުމަށް މަގުފަހިކުރުން ކަމުގައެވެ.

ރަޝިއާއިންވަނީ ޖަރުމަނުން ޔުކްރެއިން އާ ގުޅިގެން ރަޝިއާއާ ދެކޮޅަށް އަސްކަރީ ރޭވުންތަކެއް ރޭވިކަން މިހަފުތާގައި ފަޅާއަރުވާލާފައެވެ. މިކަން ރަޝިއާއަށް އެނގުނީ ޖަރުމަނުގެ ވައިގެ ސިފައިންގެ އޮފްސަރުންތަކެއްގެ މެދުގައި ދެކެވުނު ސިއްރު ވާހަކަތަކެއް ރަޝިއާއިން ޖާސޫސީ ޚާއްސަ ސޮފްޓްވެއާއެއްގެ އެހީގައި އަޑުއެހުމާ ގުޅިގެންނެވެ.

ޖަރުމަނުގެ ވައިގެ ސިފައިންގެ އޮފިސަރުންތަކެއް މަޝްވަރާކުރިކަމަށްވަނީ ރަޝިއާއާ ކްރައިމިޔާ އާ ދެމެދުގައި ބިނާކޮށްފައިވާ ރަޝިއާގެ ބްރިޖް ޔުކްރެއިން އާ ގުޅިގެން ގޮއްވާލުމާ ގުޅޭގޮތުންނާއި ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ކްރައިމިޔާ ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްޓަކައި ޖަރުމަނުގައި އުފައްދާ "ތޯރޮސް" މަރުކާގެ މިސައިލްގެ ޝިޕްމަންޓެއް ޔުކްރެއިންއަށް ދިނުމާގުޅޭގޮތުންނެވެ.

ޖަރުމަނުގެ ވައިގެ ސިފައިންގެ އޮފްސަރުންތަކެއްގެ މެދުގައި ދެކެވުނު މި ސިއްރު ވާހަކަތައް ރަޝިޔާއިން ބޭޒާރުކޮށްލުމުން ޖަރުމަނަށްވަނީ ސިހުން ލިބިފައެވެ. މިއާއެކު ޖަރުމަނުގެ ސިއްރު މައުލޫމާތުތަކުގެ ތެރެއަށް އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ރަޝިއާ ވަދެފައިވާ މިންވަރާމެދު ޖަރުމަނުވަނީ ކަންބޮޑުވެފައެވެ.

ރަޝިއާ ވަނީ ކްރައިމިޔާ ބްރިޖް ގޮއްވާލުމާއި "ތޯރޮސް" މަރުކާގެ މިސައިލް ޔުކްރެއިންއަށް ދިނުމާބެހޭގޮތުން ޖަރުމަނުގެ މަސްއޫލުވެރިންގެ މެދުގައި ދެކެވުނު ސިއްރު ވާހަކަތަކާއި ކުރި ސިއްރު މަޝްވަރާތައް ހާމަވުމާ ގުޅިގެން ޖަރުމަނަށް ހަރުކަށި އިންޒާރެއް ދީފައެވެ.

މިމައްސަލާގައި ރަޝިއާ ވަނީ މޮސްކޯގައި ހުންނަވާ ޖަރުމަނުގެ ސަފީރުވެސް އެގައުމުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް އިހުތިޖާޖުގެ ލިޔުމެއް އޭނާއާ ހަވާލުކޮށްފައެވެ. ޖަރުމަނުގެ މީޑިއާ ބުނާގޮތުން "ތޯރޮސް" މަރުކާގެ މިސައިލް ޔުކްރެއިންއަށް ނުދޭން ޖަރުމަނުން ނިންމީ މިމައްސަލަ ފިނިކުރުމުގެ ގޮތުންނެވެ.