03 Jun 2012, 17:29
ޓެރިސްޓީރިއަލް ފްރިކުއެންސީގެ ބީލަން ކާމިޔާބުކުރި ހަތަރު ރޭޑިއޯ ސްޓޭޝަނާއި ތިން ޓީވީ ސްޓޭޝަންގެ ނަން މިއަދު އިއުލާންކޮށްފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން މިދިޔަ މާޗް މަހު ބީލަމަށް ހުލުވާލި ރޭޑިއޯގެ ހަތަރު ފްރެކެންސީ ކާމިޔާބުކޮށްފައި ވަނީ އައިލެންޑް ބްރޯޑްކާސްޓިން ޕްރައިވެޓް ލިމިޓޭޑާއި ޕިކުޗާ ލޭންޑް އެފް އެމް ޕްރައިވެޓް ލިމިޓެޑާއި އަސްނާ މޯލްޑިވްސް އާއި ފާރަވޭ ހޮލިޑޭޒް ޕްރައިވެޓް ލިމިޓެޑެވެ.
ޓީވީ ފްރިކުއެންސީ ކާމިޔާބުކޮށްފައި ވަނީ ޕިކުޗާލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑް(ސަން ޓީވީ) އާއި އައިލެންޑް ބުރޯޑްކާސްޓިންގް މޯލްޑިވުސް (ވީޓީވީ) އާއި ބްރޯޑް ކާސްޓިންގް މޯލްޑިވްސް (ދިޓީވީ އެވެ.)
"ޓީވީ ފްރިކުއެންސީ ކާމިޔާބުކުރި ތިން ކުންފުންޏަކީ ޕިކްޗަރލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑް 717.52 ޕޮއިންޓް، އައިލަންޑް ބްރޯޑްކާސްޓިންގް ޕްރައިވެޓް ލިމިޓެޑް 611.05 ޕޮއިންޓް އަދި ބްރޯޑްކާސްޓިންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 546.27 ޕޮއިންޓް،" ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
ރޭޑިއޯ ފްރީކްއެންސީ ކާމިޔާބު ކުރި ކުންފުނިތަކަށް ޕޮއިންޓް ލިބިފައި ވަނީ، އައިލެންޑް ބްރޯޑްކާސްޓިން ޕްރައިވެޓް ލިމިޓެޑް 819.70 ޕޮއިންޓް، ޕިކްޗާ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑް 659.43 ޕޮއިންޓް، އަސްނާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 336.93 ޕޮއިންޓް އަދި ފާރަވޭ ހޮލިޑޭޒް ޕްރައިވެޓް ލިމިޓެޑް 239.55 ޕޮއިންޓް އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވަނީ ރޭޑިއޯގެ ހަތަރު ފުރެކެންސީ އަށާއި ޓީވީގެ ތިން ފުރެކެންސީ އަށް ފުރުސަތު ހުޅުވާލުމުން ނުވަ ފަރާތަކުން ކުރިމަތިލި ކަމަށާއި އެ ފުރުސަތު ލިބިފައި ވަނީ އެންމެ މަތީ މާކްސް ހޯދި ފަރާތްތަކަށް ކަމަށެވެ. ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް ވަރަށް އަވަހަށް ލައިސަންސް ހަވާލުކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ބީލަންތައް އިވެލުއޭޓްކޮށްފައި ވަނީ އެކޮމިޝަނުން ބޭރު ފަސް މެންބަރަކާއި ކޮމިޝަނުގެ އިދާރާގެ ދެ މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ކަމަށެވެ.
ކޮމިޓީ އަށް މެންބަރުން އައްޔަން ކުރުމުގައި އިގުތިސާދީ ވިޔާފާރި މީޑިއާ ބްރޯޑްކާސްޓް އަދި ފަންނީ އިޖުތިމާއި ތަޖުރިބާ ހުރި ބޭފުޅުން ނަށް އިސްކަން ދެއްވިކަމަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މިއަދު ފްރިކުއެންސީ ދޫކުރި ފަރާތްތަކަށް ސެޓެލައިޓުމެދުވެރިކޮށައާއި އަދި ޓެރެސްޓީރިއަލްކޮށް ޓީވީ އާއި ރެޑިޔޯ ހިދުމަތް ދެވޭނެ އެވެ. މިހާރު ރާއްޖޭގައި ހަމައެކަނި ޓެރެސްޓީރިއަލްކޮށް ހިދުމަތްދެނީ އެމްބީސީގެ ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑުންނެވެ.