03 Jun 2012, 17:26
ޑޮކްޓަރަށް ދެއްކުމަށް ހއ. އަތޮޅު ދިއްދު އަށް މިއަދު ދިޔަ އެ އަތޮޅު އުތީމު މާބަނޑު މީހަކު އެނބުރި އައިސް ރަށަށް ފައިބަނިކޮށް މޫދަށް ވެއްޓި އަނިޔާވެއްޖެ އެވެ.
އުތީމު ކައުންސިލްގެ ރައީސް އަސްރަރު އާދަމް މިއަދު ވިދާޅުވީ މިއަދު ދިއްދުއަށް ޑޮކްޓަރަށް ދައްކަން ދިޔަ އުތީމުގެ މާބަނޑު ފަސް މީހުންގެ ތެރެއިން އެކަކު ވެއްޓުނީ އުތީމަށް ފައިބަން ހަރުކޮށްފައި ހުރި ހަރުގަނޑުން ފައިބަނިކޮށް ޖެހި ރާޅާކާ އެކު ކަމަށެވެ. ވެއްޓި އަނިޔާވި އަންހެން މީހާގެ ބަނޑަށް ހަ މަސް ކަމަށް ވެސް އަސްރަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮކްޓަރަށް ދައްކަން ދިޔަ ފަސް އަންހެނުންގެ ތެރޭ ހިމެނެނީ އަށް މަހާއި ހަ މަހާއި ހަތް މަހުގެ މީހުން ކަމަށެވެ.
އަދި އަނިޔާވި މީހާ އުތީމު ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް އެއްވެސް ފަރުވާއެއް ދެވެން ނެތުމުން އަނބުރާ ދިއްދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަނިޔާވި އަންހެން މީހާގެ އާއިލާ އިން ބުންޏެވެ. އޭނާ ބުނީ އަންހެން މީހާ އަށް ލިބުނު ގެއްލުންތައް އެނގޭނީ ޑޮކްޓަރަށް ދެއްކުމަށް ފަހު ކަމަށެވެ.
އުތީމު ކައުންސިލްގެ ރައީސް ވިދާޅުވީ މިއަދަކީ މޫސުން ގޯސް ރާޅުބޮޑު ދުވަހެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އުތީމަށް އަރައި ފޭބުމުގެ ދަތިކަން ހައްލު ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އުތީމަށް އަރައިފޭބުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ކުރީގެ ދެ ރައިސުން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް އެކަމުގެ އަމަލީ މަސައްކަތެއް ފެނިފައެއް ނެތެވެ.
އުތީމަށް މިހާރު މީހުން އަރައިފައިބަނީ ދޯނި ގޮނޑުދޮށާ ކައިރިކޮށް ހަރުގަނޑެއް ލައްގައިގެންނެވެ.