05 Mar 2024, 06:30
ވަރަށް ތަފާތު ރޯލްތައް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަޔުޝްމާން ކުރާނާ ބޭނުން ވަނީ ވަރަށް ވަރުގަދަ ވިލެންއެއްގެ ރޯލް ކުޅެން ކަމަށް އެކްޓަރު ބުނެފިއެވެ.
މަޝްހޫރު މަޖައްލާ ފިލްމުފެއާއަށް އަޔުޝްމާނު ދިން ހާއްސަ އިންޓަވިއުއެއްގައި ބުނެފައިވަނީ މި އަހަރަކީ ވަރަށް ގިނަ ޖޯންރާގެ ފިލްމުތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިފައިވާ އަހަރެއް ކަމުގައެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރުމުގެ އިތުރުން އަޔުޝްމާނަކީ ލަވަކިޔުމުގެ ފަންނު ލިބި ބައެއް ފިލްމުތަކަށް ލަވަ ކިޔައިދީފައިވާ އެކްޓަރެކެވެ. އެހެންވެ، ފިލްމީ ކެރިއަރަށް ސަމާލުކަންދޭ ފަދައިން މި އަހަރު މިއުޒިކު ކެރިއަރަށް އިތުރަށް ސަމާލުކަންދިނުމަށް ރާވާފައިވާ ކަމަށް އަޔުޝްމާން ވަނީ ބުނެފައެވެ.
މިހާތަނަށް ކުޅެފައިވާ ބައެއް ފިލްމުތަކުގައި ކޮންމެ ވެސް ވަރަކަށް ނުބައިބައި ރޯލް ކުޅެވިފައިވީ ނަމަވެސް އަޔުޝްމާން ބޭނުންވަނީ ބެލުންތެރިން ބޭނުންވާ ކަހަލަ 'ބޭޑް ބޯއި' އެއްގެ ރޯލް ކުޅެން ކަމަށް 39 އަހަރުގެ އެކްޓަރު ފިލްމުފެއަ އިންޓަވިއުގައި ވަނީ ބުނެފައެވެ. މިހާތަނަށް ހިންދީ ސިނަމާއިން ފެނިފައިވާ ނެގެޓިވް ރޯލްތަކުގެ ތެރެއިން އަޔުޝްމާންއަށް އެންމެ ކަމުދަނީ "ދޫމް3"ގައި އާމިރު ޚާން އަދި ފިލްމު "ޝޯލޭ"ގައި އަމްޖަދު ޚާން ކުޅުނު ކަހަލަ ރޯލްތަކެވެ.

އަޔުޝްމާން ކުރާނާ އަންހެނުން ތާހިރާ ކަޝްޔަޕް އަދި ކޮއްކޮ އަޕަރްޝަކްތީ ކުރާނާއާ އެކު-- ފޮޓޯ/ ބޮލީވުޑްހަންގާމާ
އެހެން އެކްޓަރުންނާ ޚިލާފަށް އަޔުޝްމާނަކީ އަގު ބޮޑު ޕްރޮޑިއުސަރުންނާ އެކު މަސައްކަތް ކުރުމަށް ވުރެ ބޮޑަށް އާއްމުކޮށް ސިނަމާއިން ނުފެންނަ ކަހަލަ ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުތައް ގެނެސްދޭ ޕްރޮޑިއުސަރުންނާ އެކު މަސައްކަތް ކުރަން ބޭނުންވާ އެކްޓަރެކެވެ.
އެހެންވެ، މިހާތަނަށް އަޔުޝްމާނު ކުޅެފައިވާ ކޮމާޝަލް ފިލްމުތަކުގައި ވެސް މި ބުނެވުނު ފަދަ ޔުނީކް ކަމެއް ބެލުންތެރިންނަށް ފާހަގަވާނެ ކަމަށް އަޔުޝްމާނު ވަނީ ބުނެފައެވެ. އަޔުޝްމާނު ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނައިރު އަންހެނުން ތާހިރާ ކަޝްޔަޕް އަކީ ވެސް ފިލްމު ޕްރޮޑިއުސްކުރުމުގެ މަސައްކަތްކުރާ މީހެކެވެ.
މިދިޔަ އަހަރު ފިލްމު "ޑްރީމްގާލް2"އިން ބެލުންތެރިންނަށް ފެނުނު އެކްޓަރު ވަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓު ތަރި ސޯރަވް ގާންގުލީގެ ބައޮޕިކްއަށް ސޮއިކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް އަޔުޝްމާންގެ ފަރާތުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.