ޣައްޒާ ( ޖޫން 3): އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކުން ޣައްޒާގެ އެތައް ސަރަޙައްދަކަށް ވައިގެ ޙަމަލާތަކެއްދީފި އެވެ.

މިއަދު ހެނދުނު ދިން މިޙަމަލާތައް އަމާޒުކޮށްފައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފިދާއީ ޖަމާއަތްތަކުގެ ބައެއް މަރުކަޒަކަށާއި އިންޖިނޭރިން މަސައްކަތްކުރާ ވޯކްޝޮޕެއްގެ އިތުރުން ޣައްޒާގެ އުތުރުގައިވާ ބައެއްތަންތަނަށް ކަމަށާއި މިޙަމަލާތަކުގައި މަދުވެގެން ހަތް މީހަކު ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ކުއްލި ޙާލަތާ ބެހޭ އެންމެމަތީ ކޮމިޓީން ބުނެ އެވެ. މިކޮމިޓީގެ ތަރްޖަމާން އަދްހަމް އަބޫސުލައިމާ ވިދާޅުވީ އިސްރާއީލުގެ ޙަމަލާތަކުގައި ޒަޚަމްވި މިހުންގެ ތެރޭގައި ތުއްތު ހަތަރު ކުދިންވެސް ހިމެނޭ ކަމުގަ އެވެ.

މަންޒަރުދުށް މީހުން ބުނާ ގޮތުން އިސްރާއީލުގެ ވައިގެ ޙަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ޣައްޒާގެ ދެކުނުގައިވާ ދީރުލްބަލަޙްގެ ހުސްބިމަކާއި ޚާންޔޫނިސްގެ ލަކުޑި ގުދަނެއް ވެސް ހިމެނެ އެވެ. އިސްރާއީލުގެ ވައިގެ ޙަމަލާތައް ތިން ފަހަރެއްގެ މަތިން ދިންކަމަށް ވެސް މަންޒަރުދުށް މީހުން ބުނެ އެވެ.

އިސްރާއީލުން މިޙަމަލާތައް ދީފައި ވަނީ މިދިޔަ ހުކުރު ދުވަހު ފަލަސްތީނުގެ ފިދާއީއަކު ދިން ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ މީހަކު މަރުވުމާގުޅިގެން ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލާފައިވަނިކޮށެވެ. މިއަދު ޣައްޒާ އަށް ދިން ވައިގެ ޙަމަލާތަކަކީ ޣައްޒާއިން އިސްރާއީލުގެ ދެކުނަށް ދިން ރޮކެޓް ޙަމަލާތަކެއްގެ ރައްދުގައި ދިން ޙަމަލާތަކެއް ކަމަށް އިސްރާއީލުން ބުނެ އެވެ. (އަލްޖަޒީރާ)