މުޅި މާލޭގެ މާފަންނު ދެކުނު ދާއިރާގެ ޒުވާން ފައުޖު އޮތީ އޭނާއާ އެކުގައި ކަަމަށް އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ) ރޭ ވިދާޅުވެއްޖެއެވެ.

ބޮޗޭގެ ކެމްޕޭން ލޯންޗް ކުރުމަށް ރޭ ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މާފަންނު ދެކުނު ދާއިރާގައި އިސްކޮށް ހަރާކްތްތެރިވި އިދިކޮޅު އެމްޑިޕީގެ ސަޕޯޓަރުން ވެސް ތިބީ އޭނާއާ އެކުގައި ކަމަށެވެ.

"މިރޭ އަޅުގަނޑަށް ލިބޭ އެންމެ ބޮޑޫ އުފަލަކީ މި ދާއިރާގަ ފަހުގެ ތާރީހެއްގަ އެމްޑީޕީ ކިޔާނީ ސިޓީ ހޮޓާ ސަރަހައްދަށް. ސިޓީ ހޮޓާ ސަރަހައްދުން، ސިޓީ ކަންމަތިން މިރޭ އަޅުގަނޑު އެންޑޯޒް ކުރާކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް، ވަރަށް ބޮޑު އުފަލެއް،" ބޮޗޭ ވިދާޅުވިއެވެ.

ބޮޗޭގެ ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި އިވެންޓް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދެވެ.

ބޮޗޭގެ ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕީޕަލްސް އެލަޔަންސް (ޕީއޭ)އިންނެވެ. އޭނާ ވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކުރިން މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވައިފައެވެ.

އޭގެ ފަހުން އޭނާ ޑީއާރުޕީއަށް ސޮއި ކުރައްވައި، އޭރު ޑީއާރުޕީގެ ލީޑަރުގެ ގޮތުގައި ހުންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

އެ ގޮތުން އެ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި އޭނާ ހަމަޖެއްސީ 2019ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމުގައި ވެސް އޭނާ ހުންނެވިއެވެ.

އެހެން ނަމަވެސް 2020ވަނަ އަހަރުގެ ނޮވެންބަރު 16ގައި އޭނާވަނީ ޑީއާރުޕީއާއި ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމުން ވެސް އިސްތިއުފާދެއްވައި، އަލުން ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.