03 Jun 2012, 16:26
ލީބިޔާއާ ޚިލާފަށް ސޫރިޔާ އަށް ޢަސްކަރީ ގޮތުން ވަދެގަތުމުގައި ހުޅަނގަށް ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ސްޓްރެޓީޖިކް ދާއިރާގެ ތަޖްރިބާކާރެއް ކަމަށްވާ ފުއާދު ޒަކަރިއްޔާއާއި އެނޫން މުޙައްލިލުން ވެސް ވަނީ މިކަން ފާހަގަކުރައްވާފަ އެވެ.
އެމެރިކާގެ މަޝްހޫރު މަޖައްލާ "ނިއުޒްވީކް"ގެ މެނެޖިންގް އެޑިޓަރު ކަންވެސް ކުރައްވާ ފުއާދު ޒަކަރިއްޔާއާއި މެދުއިރުމަތީގެ މަސްރަޙު ދިރާސާކުރައްވާ ގިނަ މުޙައްލިލިން ވިދާޅުވާ ގޮތުގައި ސޫރިޔާއަށް ޢަސްކަރީ ގޮތުން ވަދެގަތުމުގައި ހުޅަނގަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ޖޯގްރަފިކަލް އަދި ޖިޔޮ ސްޓްރެޓީޖިކް ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ސަބަބަކީލީބިޔާއާ ޚިލާފަށް ސޫރިޔާގެ އާބާދީ ބޮޑުވެފައި އެޤައުމުގެ ބިމުގެ ސައިޒް ކުޑަވުމާއި ސޫރިޔާގެ އާބާދީގައި ހިމެނޭ 50 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން އެޤައުމުގެ ދެސަރަޙައްދު ކަމަށްވާ ދިމިޝްޤާއި ލާޒިޤިއްޔާގައި ބައިބޯގޮތަކަށް ވަޒަންވެރިވެރިވެފައިވާ އިރު މި ދެ ސަރަޙައްދު ވެސް ރައީސް ބައްޝާރުލް އަސަދްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތުމެވެ.
ސޫރިޔާގެ އާބާދީ، ލީބިޔާގެ އާބާދީއަށް ވުރެ ތިން ގުނަ ބޮޑުއިރު ސޫރިޔާގެ ބިމުގެ ސައިޒު ލީބިޔާގެ ބިމުގެ 10 ޕަސެންޓަށް ވުރެ ވެސް ކުޑައެވެ. ދެވަނަ ސަބަބަކީ ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ފަރާތްތަކުގެ ބާރު ސޫރިޔާގެ އެތެރޭގައި ކުޑަވެފައި ސޫރިޔާ ސިފައިންގެ ބާރު ގަދަވުމެވެ. ސޫރިޔާ ސިފައިންނަކީ އިސްރާއީލާ ކުރިމަތިލުމަށް ތަމްރީންކޮށްފައިވާ ބާރުގަދަ ވަރަށް ޕްރޮފެޝަނަލް ލަޝްކަރަކަށްވާ އިރު ސޫރިޔާގެ މަދު ސަރަޙައްދެއްނޫނީ އޮތީ ސަރުކާރު ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ. އެހެންކަމުން ސަރުކާރު ސިފައިންނަށް ޙަމަލާދީފައި ސޫރިޔާގެ އެތެރޭގައި ފިލައިގެން އުޅުމާއި ސަރުކާރު ސިފައިންނާ ކުރިމަތިލުމަށް ޓަކައި ސޫރިޔާގެ އެތެރޭގައި ފައިހަރުކޮށްލައިގެން ތިބުމަކީ އިދިކޮޅު ހަނގުރާމަވެރިންނަށް ވަރަށް ދަތިކަމެކެވެ.
ތިންވަނަ ސަބަބަކީ ބައްޝާރުގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާއި ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ބައިބައިވެފައިވުމާއި އެއްގަލަކަށް އަރައި އެކީގައި މަސައްކަތްކުރުމުގެ ޤާބިލް އިދިކޮޅު ފަރާތްތަކުގެ ކިބާގައި ނެތުމެވެ. މީގެއިތުރުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށްޓަކައި ގުޅިފައިވާ އެޖެންޑާއެއް އެކުލަވާލުމާއި އެއާއެއްގޮތަށް ޙަރަކާތްތައް ބައްޓަންކުރުމުގައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ފޭލްވެފައިވުމެވެ.
ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ބައްލަވާލައްވަމުން އެޤައުމުގެ އިދިކޮޅު އަންހެން އެކްޓިވިސްޓެއް ކަމަށްވާ ރީމާ ފިލްޙާން ދާދިފަހުން ވިދާޅުވެފައި ވަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކަކީ އެމީހުންގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް ތަޅާފޮޅަމުންދާ ހަތުރުވެރި ޖަމާއަތްތަކެއް ކަމުގައެވެ.
ހަތަރު ވަނަ ސަބަބަކީ ލީބިޔާގެ ގައްޒާފީގެ ސިފައިންގެ ލަޝްކަރު ރޫޅި އިދިކޮޅު ފަރާތްތަކާ ގުޅިގެންދިޔަގޮތާ ޚިލާފަށް ސޫރިޔާގެ ލަޝްކަރުތައް ރޫޅިގެންނުދިޔުމާއި ބައްޝާރުގެ ފުރިހަމަ ކޮންޓްރޯލް އެލަޝްކަރުތަކަށް އޮތުމެވެ. ބައްޝާރުގެ ވެރިކަމާދެކޮޅަށް ރައްޔިތުން ތެދުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް ސިފައިންގެ ލަޝްކަރުތަކާއި ޖާސޫސީ އިދާރާތަކާއި ސަރުކާރުގެ މުއައްސަސަތަކުގައި ބައިބައިވުމެއްނެތެވެ. މިހުރިހާ މުއައްސަސާތަކެއް ވަނީ ބައްޝާރުގެ ނިޒާމުގެ ކޮންޓްރޯލްގެ ދަށުގައެވެ.
ފަސްވަނަ ސަބަބަކީ ބޭރުގެ ބާރުތަކެއް ގަދަބާރުން ސޫރިޔާއަށް އަރައިގެންފިނަމަ މިހާރަށްވުރެ އެތަށް ގުނައެއް ގިނައިން މިހުންމަރުވެ ޢިރާޤަށް އެމެރިކާ އަރައި ސައްދާމްގެ ވެރިކަން ވެއްޓާލުމުން ޢިރާޤު މުޅިންރޫޅިގެން ދިޔަގޮތަށް ސޫރިޔާގެ މުޅި ނިޒާމް ރޫޅިގެންދިޔުމުގެ ބިރު އޮތުމެވެ. ސޫރިޔާގައި މިހާރު މަރުވާމީހުންގެ ޢަދަދު ހާހުން ގުނާލެވޭއިރު، ބޭރުގެ ބާރެއްވަދެގެންފި ނަމަ މަރުވާ މީހުން ޢަދަދު ލައްކައިން ނޫނީ މިލިޔަނުން ގުނަންޖެހި ބަދަލުހިފުމާއި ޓެރަރިޒަމްގެ ޢަމަލުތައް މުޅި ސޫރިޔާގައި ޢާންމުވެގެންދިޔުމެވެ.
އެމެރިކާ ސިފައިން ޢިރާޤަށް އަރައިގަތުމާގުޅިގެންޢިރާޤުގެ އާބާދީގެ މިލިޔަނަކަށް ވުރެ ގިނަ މީހުން ފަނާވެ ސްޓޯން އޭޖްގެ ޙާލަތަށް އެޤައުމު ދިޔަގޮތަށް މިފަދަ ޙަލަތެއްގައި ސޫރިޔާގެ އާބާދީގެ ވެސް ބޮޑުބައެއް ފަނާވެ ސްޓޯން އޭޖްގެ ޙާލަތަށް ސޫރިޔާ ވެސް ދާނެކަމުގެ ބިރުއޮތުމުން ބޭރުގެ ބާރެއް ވަނުމަށްވުރެ މިހާރުގެ ޙާލަތުވެސް ރަނގަނޅު ކަމަށް ބައްޝާރާ އިދިކޮޅު ފަރާތްތަކުންވެސް ޤަބޫލުކުރުމެވެ.
ހަވަނަ ސަބަބަކީ ބޭރުގެ ބާރެއް ސޫރިޔާއަށް ވަނުމަށް ޗައިނާ އާއި ރަޝިޔާ ސަލާމަތީ މަޖިލީހުގައި ދެކޮޅު ހެދުމާއި ސޫރިޔާއާ އަވަށްޓެރި ޤައުމުތައް ކަމަށްވާ ޢިރާޤާއި އީރާންފަދަ ޤައުމުތައް ރައީސް ބައްޝާރުލްއަސަދްގެ ފަހަތުގައި ތިބުމެވެ. މިސަބަބުތަކަށްޓަކައި ބޭރުގެ ބާރެއް ސޫރިޔާއަށް ވަނުމުގެ ފުރްސަތުނެތުމުން ބައްޝާރުގެ ވެރިކަން ކުއްލިއަކަށް ނުވެއްޓުނުނަމަވެސްއޭނާގެ ވެރިކަމަށް މުސްތަޤްބަލެއް ނެތްކަމަށާއި ވެރިކަން ވެއްޓުމަށް ދެން ދިގުމއްދަތެއް ނުނަގާނެ ކަމަށް މުހައްލިލުން ލިޔުއްވާފައިވެ އެވެ.