03 Jun 2012, 15:27
އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފޯސީޒަން ރިސޯޓްގައި މިއަދު ބައްދަލު ކުރައްވައިފި އެވެ.
ބްލެއާ އޭނާގެ އާއިލާއާއެކު ރާއްޖެ ވަޑައިގަތީ ޗުއްޓީ ދަތުރުފުޅެއްގައި އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. ޗުއްޓީ ހޭދަކުރައްވަނީ ފޯސީޒަން ރިސޯޓުގަ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ސަން އޮންލައިން އަށް މިއަދު ވިދާޅުވީ ރައީސް ޑރ. ވަހީދު ބްލެއާޔާ ބައްދަލު ކުރެއްވީ ފޯސީޒަންސް ރިސޯޓުގައި މިއަދު ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ކަމަށެވެ. އަދި ރައީސްގެ އަރިހުގައި ނައިބު ރައީސް ވަހީދުއްދީން (ޑީން) ވެސް ބައިވެރިވެ ވަޑައިގެންނެވި ކަން ވަނީ އެނގިފަ އެވެ.
ކުރިން ހަމަޖެހިފައި އޮތީ ބްލެއާ ރައީސް ޑރ. ވަހީދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާ ގޮތަށެވެ. އޮފިޝަލް ވިދާޅުވީ ރައީސް ބުލެއާގެ އަރިހަށް މިއަދު ޒިޔާރަތް ކުރެއްވީ ބައެއް ސަބަބުތަކާ ހުރެ ބްލެއާޔަށް މާލެ ވަޑައިގެންނެވެން ނެތިގެން ކަމަށެވެ.