04 Mar 2024, 13:50
ރިޔާޟް (4 މާޗް 2024) : ރަމަޟާން މަހު މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ރޯދަ ވީއްލުމުގެ ކަންތައް (އިފްތާރު) ކުރިޔަށް ގެންދިޔުން މަނާކުުރުމަށް ސައޫދީ ސަރުކާރުން ނިންމައިފިއެވެ.
ދީނީ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާ ބުނިގޮތުގައި މީހުން އަތުން ޚައިރާތުގެ ގޮތުގައި ފައިސާ ނަގައިގެންނާ އަދި ޚައިރާތުގެ ގޮތުގައި ކާބޯތަކެތި ހޯދައިގެން މިސްކިތުގައި ބޮޑު ޖަމާއަތް ހަދައިގެން ރޯދަ ވީއްލުމަށްޓަކައި "މާއިދަތުލް އިފްތާރު" ސައޫދީ މިސްކިތްކުގައި މިއަހަރު ކުރިޔަށް ނުގެންދިއުމަށާއި އެއީ މިހާރު މަނާކަމެއްކަން މިސްކިތްތަކުގެ އިމާމުންނަށް އެ މިނިސްޓްރީން ވާނީ އަންގާފައެވެ.
ޖަމާއަތް ހަދައިގެން ރޯދަ ވީއްލުމަށްޓަކައި މިސްތަކުގައި ރަމަޟާން މާއިދާތައް (މާއިދަތުލް އިފްތާރު) ބޭއްވުން މަނާކުރަން ޖެހުނީ އެކަމުގެ ސަބަބުން މިސްކިތްތަކުގެ އެތެރޭގައާއި މިސްކިތްތަކުގެ ހަރިންމަތެރޭގައި ސާފުތާހިރުކަން ކުޑަވެ މިސްކިތްތަކުގެ އެތެރެއާ އަދި ހަރިންމަތެރެ ގޮނޑުވާތީ ސާފުތާހިރުކަން ހިފެހެއްޓުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޖަމާއަތް ހަދައިގެން ރަމަޟާން މާއިދާތައް މިސްކިތްތަކާއި މިސްކިތްތަކުގެ ހަރިންމަ ތެރޭގައި ބޭއްވުން މަނާކުރި ނަމަވެސް މިސްކިތާ ކައިރި ސަރަހައްދެއްގައި ރޯދަވީއްލުމަށް ޚާއްސަކޮށްގެން ޓެންޓެއް ޖަހައިގެން އެ ޓެންޓްގެ ތެރޭގައި ރޯދަ ވީއްލުން ކުރިޔަށް ގެންދެވިދާނެކަމާއި އެކަން މަނާ ކޮށްފައި ނުވާނެ ކަމަށް ދީނީ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާ އާ ހަވާލާދީ ސައޫދީ ރަސްމީ މީޑިއާ ބުނެއެވެ.
ސައޫދީ ސަރުކާރުން ވަނީ ރަމަޟާން މަހުގައި މިސްކިތްތަކުގެ އެތެރޭގައާއި މިސްކިތްތަކުގެ ހަރިންމަ ތެރޭގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހިމެނޭ ޚާއްސަ އުސޫލެއް ދާދިފަހުން ކަނޑައަޅައި އެ އުސޫލު އާންމުކޮށް އިއުލާނުކޮށްފައެވެ.
މި އުސޫލުގައި ވާގޮތުން ސައޫދީ މިސްކިތްތަކުގައި އެކި މީޑިއާތަކުން ވަކިވަކިން ކެމެރާތައް ހަރުކޮށްގެން ވީޑިއޯކުރުމާއި އެކިއެކި މީޑިއާތަކުން އަޅުކަމުގެ ހަރަކާތްތައް ބްރޯޑްކާސްޓްކުރުމާއި ޓެލެކާސްޓް ކުރުމަކީ މަނާކަމެކެވެ. މިކަން މަނާކުރަން ޖެހުނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން އިމާމުންނާ އަދި އިމާމުންނާ އިގްތިދާވެގެން ނަމާދުކުރާ މައުމޫމުން އަޅުކަމަށްދޭ ސަމާލުކަން ކުޑަވާކަން ފާހަގަ ކުރެވިފައިވާތީ ކަމަށް ދީނީ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާ ބުނެއެވެ.