މާލެއާއި ވިލިމާލެ ކަނޑުއޮޅިއާއި ވިލިމާލެއާއި ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން ދަތުރުކުރާ މީހުންގެ ލައިސެންސް ހިފަހައްޓާނެކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ދީފިއެވެ.

މިނިސްޓްރީން މީގެ ކުރިން ތަކުރާރުކޮށް ވަނީ ބްރިޖު މަސައްކަތް ހިނގަމުން އަންނަ ކަނޑުއޮޅިތަކުން ދަތުރުކުރުން މަނާކޮށްފައިވާކަން ހަނދާންކޮށްދީފައެވެ.

ނަމަވެސް އަދިވެސް އެ ސަރަހައްދުން އަންނަނީ އުޅަނދުފަހު ދަތުރުކުރަމުންނެވެ. މިނިސްޓްރީން ބުނީ ޚާއްސަކޮށް ރިސޯޓްތަކުގެ ލޯންޗުފަހަރު މި ދެ ކަނޑުއޮޅި ބޭނުންކުރަމުން އަންނަކަމަށެވެ.

އެހެންވެ ގަވައިދާ ޚިލާފަށް އެ ދެ ކަނޑުއޮޅިއަށް ވަދެއްޖެނަމަ އެއް މަސް ދުވަހަށް ލައިސެންސް ހިފަހައްޓާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ދެ ކަނޑުއޮޅިން ދުއްވުން މަނާކުރީ ބްރިޖު މަސައްކަތަށް ބޭނުންކުރާ ބޮޑެތި އުޅަނދުތަކުގެ ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅައިފައި ހުރުމުން ކަނޑުއޮޅި ބޭނުން ކުރަމުންދާ އާންމު އުޅަނދުތަކަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ލިބިދާނެ ގެއްލުމަކަށް ޓަކައެވެ.

މި ފަހުން ވެސް ބަންދުކޮށްފައިވާ ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރި ލޯންޗެއް އެކްސިޑެންޓުވެ ބަޔަކަށްވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.