03 Jun 2012, 15:23
ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި މައްސަލައެއްގައި ދައުލަތުން ދައުވާކުރި ގ. ހިލްމަން، އަބްދުލް ހަމީދު އަބްދުއް ސަމަދު ސަލާމަތް ކޮށްދިނުމަށް ރިޝްވަތު ލިބިގަތުމުގެ ގޮތުން ޝަރީއަތުގައި ދޮގު ހެދުމަށް އެއްބަސްވިކަމަށް ބުނެ ދައުލަތުން ދައުވާ ކުރި ފުލުސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދު ކޮށްފި އެވެ.
ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ އެ މައްސަލައިގައި ތ. ތިމަރަފުށީ އަންނާރުމާގޭ ޝިފާން އަހުމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ހުކުމްކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށެވެ.
ފުލުހުންގެ ވަޒީފާގައި ހުރި ޝިފާންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރި، އެ މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އާއި އަބްދުﷲ ހަމީދާއި ޝުއައިބް ހުސެއިން ޒަކަރިއްޔާ އެވެ.
ހައިކޯޓުން ކުރި ހުކުމްގައި ބުނަނީ ހަމީދު ސަލާމަތް ކުރުމަށްޓަކައި ރިޝްވަތު ދިނުމުން ކޯޓުގައި ދޮގު ހެދުމަށް ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރު އޭނާ ގާތު އެދުމުން އެކަން އޭނާ ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް ޖިނާއީ ކޯޓުގައި ހެކިބަސް ދިން ތިން ފުލުހަކު ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެގޮތަށް ޝިފާން ހެކިބަސް ދޭން ހުރިނަމަ އޭނާ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫންކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
"ޝިފާން އަހުމަދު މަނިކުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރެއްވި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޝަރީއަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބާލާނެ ތަނެއް ނެތްކަމަށް މިގަޒިއްޔާ ބެލުމުގައި ބައިވެރިވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ހައިކޯޓުގެ ހުކުމްގައި ވެއެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަން ހަމީދުގެ މައްޗަށް ސާބިތުވެ 2008 ވަނަ އަހަރު ކުރީގެ ޖިނާއީ ކޯޓުން ވަނީ އޭނާ އުމުރަށް ޖަލަށް ލުމަށާއި އަދި އޭނާގެ މިލްކުގައިވާ ހުރިހާ މުދަލަކާއި ފައިސާއެއް ދައުލަތަށް ނެގުމަށް ހުކުމްކޮށްފައެވެ.