04 Mar 2024, 13:15
ސޮނީ ޓެލެވިޒަންގެ މަޝްހޫރު މިއުޒިކް ޝޯވް އިންޑިއަން އައިޑޮލްގެ ސީޒަން 14 އުމުރުން 27 އަހަރުގެ ވައިބާވް ގުޕްތާ ކާމިޔާބުކޮށްފިއެވެ.
މި ފަހަރުގެ ސީޒަންގެ ޓްރޮފީއާ އެކު ވައިބާވްއަށް އިނާމެއްގެ ގޮތުގައި 25 ލައްކަ އިންޑިއަން ރުޕީސް އަދި މަރޫތީ ސުޒުކީ ބްރެޒާ ބްރޭންޑުގެ އަގުބޮޑު ކާރެއް ވެސް ވަނީ ލިބިފައެވެ.
އިންޑިއާގެ ކާންޕޫރަށް ނިސްބަތްވާ މި ޒުވާނާއަށް ލިބިފައިވާ ލަވަކިޔުމުގެ ހުނަރާ އެކު އިންޑިއަން އައިޑޮލްގެ ޓްރޮފީ ކާމިޔާބު ކުރެވުމުން އުއްމީދަކީ އަވަސް މުސްތަގްބަލެއްގައި ބޮލީވުޑް އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އާއްމުންގެ ފަރާތުން ލިބުނު ތަރުހީބާއި ލޯތްބާ އެކު އޭނާ ހުރީ ފިލްމު އިންޑަސްޓްރީއަށް ވަނުމުގެ ދަތުރަށް ތައްޔާރަށް ކަމަށް ވައިބާވް ވަނީ ބުނެފައެވެ.
އިންޑިއަން އައިޑޮލްގެ މި ފަހަރުގެ ސީޒަންގައި ވައިބާވްއަށް އެންމެ ބޮޑު އުފަލެއް ލިބުނީ މަޝްހޫރު ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓް ބައިވެރިވި އެޕިސޯޑުގައި ލަވަ ހުށަހެޅުމުގެ ފުރުސަތު ލިބި މަހޭޝް ބަޓް އޭނާގެ ހުށަހެޅުމަށް ތައުރީފު ކުރުމުން ކަމަށް ވައިބާވް ވަނީ ބުނެފައެވެ.
ވައިބާންގެ ހުވަފެނަކީ ކުރިމަގުގައި ފިލްމީ ދާއިރާގައި މިއުޒިކާ ގުޅުންހުރި މަސައްކަތްކޮށް ފިލްމުތަކަށް މިއުޒިކް ކޮމްޕޯސްކޮށް ދިނުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ހަމައެއާއެކު މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ސަލްމާން ޚާން، ވިކީ ކޯޝަލް އަދި ރަންވީރު ސިންގް ފަދަ އެކްޓަރުންގެ ފިލްމުތަކަށް ލަވަކިޔައިދިނުމަކީ އޭނާ ދެކެން އެންމެ ބޭނުންވާ ދުވަސް ކަމަށް ވައިބާވް ވަނީ ބުނެފައެވެ.
ވައިބާވް އަކީ އަބަދުވެސް 90އިގެ މިއުޒިކަށް ލޯބި ކުރާ ފަރާތެއް ކަމަށާއި މިއަދުގެ ޒުވާނުންގެ ތެރޭ ކުރީގެ ލަވަތައް މަޝްހޫރުވުމަކީ ވަރަށް ބޮޑަށް އުފާވާ ކަމެއް ކަމަށް މި ޒުވާނާ ވަނީ ބުނެފައެވެ.

އިންޑިއަން އައިޑޮލް ސީޒަން 14ގެ ތިން ފަނޑިޔާރުން-- ފޮޓޯ/ ފޭސްބުކް
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14ގައި ސޮނީ ޓީވީއިން ފެށި އިންޑިއަން އައިޑޮލްގެ މި ފަހަރުގެ ސީޒަންގެ ފަނޑިޔާރުންނަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޝްރެޔާ ގޯޝަލް،، ކުމާރު ސާނޫ އަދި ކުޅަދާނަ މިއުޒީޝަން ވިޝާލް ދަދްލާނީއެވެ.
ރޭ ގެނެސްދިން ކުލަގަދަ ފިނާލޭގެ އެޕިސޯޑުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމްއެވެ. މި ޝޯގައި ދެ ވަނަ އަދި ތިން ވަނަ ލިބުނު ޝުބަދީޕް ދާސް އަދި ޕިޔޫޝް ޕަންވަރަށް އިނާމެއްގެ ގޮތުގައި ތިން ލައްކަ ރުޕީސް ވަނީ ލިބިފައެވެ.