04 Mar 2024, 11:00
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ގައްޒާގެ އެތެރޭގައި ބޮޑެތި ޓުރަކުތަކުގައި އެހީ އުފުލުން މިއަދުން ފެށިގެން ހުއްޓާލައިފައިވާކަމަށް މިއަދު އިއުލާނު ކޮށްފިއެވެ.
އައިއޭސީން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ އައިއޭސީގެ ސްޓާފުންނާއި ވޮލެންޓިއަރުންގެ ރައްކާތެރިކަމަށް ޓަކައި ބޮޑެތި ޓުރަކު ތަކުގައި ގައްޒާގެ އެތެރޭގެ އެހީ އުފުލުން މިއަދުން ފެށިގެން ހުއްޓާލައިފައިވާ ކަމަށެވެ.
އައިއޭސީން ބުނީ ގައްޒާގައި މިހާރު ކިރިޔާ ވެސް ރައްކާތެރި ހިސާބެއް ކަމަށް ބެލެވޭ ދެއިރް ބަލަޙް އަށް ދަތުރުކުރި ޓްރަކަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލައިފައިވާ ކަމަށެވެ.
އަދި މިހާރު އެހީ އުފުލާ އެއްވެސް ޓްރަކަކަށް ރައްކާތެރި ކަމެއް ނެތް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އައިއޭސީން ބުނީ ހަމަލާ ދިން މި ޓުރަކަކީ ކާބޯތަކެތި އުފުލަމުން ދިޔަ ޓުރަކެއް ކަމަށެވެ. އަދި މި ޓުރަކުގައި ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވީ އާންމު ރައްޔިތުން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މި ހަމަލާގައި ނުވަ ވޮލެންޓިއަރުން ޝަހީދުވެފައިވާ ކަން އައިއޭސީން ވަނީ ފާހަގަ ކޮށްފައެވެ.
އައިއޭސީން ބުނީ ހަމަލާ ދިނީ އައިއޭސީގެ ޓުރަކަކަށް ނޫން ކަމަށެވެ. އެހެން ނަމަވެސް އެއީ އެ ޖަމިއްޔާގެ ޕާޓްނަރު ޖަމިއްޔާއެއްގެ އެހީގެ ޓުރަކެއް ކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.
އައިއޭސީން ބުނީ ބޮޑެތި ޓުރަކުގައި އެހީ ފޯރުކޮށްދިނުން ހުއްޓާލި ނަމަވެސް އަދިވެސް، ގައްޒާއަށް އެހީ ފޯރުކޮށްދިނުން ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ގައްޒާގެ ތެރެއިން ލިބެން ހުރި ތަކެތިން އެހީ ފޯރުކޮށްދިނުން ކުރިއަށް ދާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.