03 Jun 2012, 15:20
މިއަދު ހެނދުނުން ފެށިގެން ހއ. ދިއްދޫއަށް އުދަ އަރަމުން އެބަދެ އެވެ.
ހެނދުނު ގާތްގަނޑަކަށް 10:00 ޖެހީއްސުރެން ދިއްދުއަށް އުދަ އަރަމުންދާއިރު ބައެއް ގޭގެއަށް ލޮނުގަނޑު ވަދެ ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް މީހަކަށް އަދި ގޭގައި ހިފާ ގެންގުޅޭތަކެއްޗަށް ވެސް އަދި ގެއްލުން ލިބިފައެއް ނުވެއެވެ.
ދިއްދޫގައި ގިނަ އަދަދެއްގެ މީހުން އާބާދުވެ އުޅޭ ހުޅަނގު ދެކުނު ފަރާތުން 100 ފޫޓަށް ވުރެ އެއްގަމަށް އުދަ އަރާފައިވާއިރު އުދަ އަރާ ސަރަހައްދުގެ ގެތަށް ހުންނަނީ ހޭޅިފަށާ ގާތްގަނޑަކަށް 30 ފޫޓް ދުރުމިނުގަ އެވެ. އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނީ އުދަ އަރަމުންދާއިރު މިހާރުވެސް އެ ސަރަހައްދުގައި ފޫޓަކަށް ލޮނުގަނޑު ބޮޑު ވެފައިވާ ކަމަށެވެ.
ދިއްދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު މަމްދޫނު މިއަދު ވިދާޅުވީ އުދަ އަރަމުންދާ ސަރަހައްދަކީ ގިނަ އަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދަކަށް ވާތީ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކޮށް އެ ސަރަހަށްދުގައި ވެލި ބަސްތާޖެހުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ހެނދުނު އުދަ އަރަން ފެށީ. އުދާގައި ދެ ގެއަކަށް މިހާރުވަނީ ލޮނުވަދެފައި. އިތުރު ގެތަކަށް ލޮނުވަނުމުގެ ކުރިން ވެލި ބަސްތާޖެހޭތޯ މަސައްކަތް އެބަކުރަން،" މަމްދޫނު ވިދާޅުވި އެވެ.
ދިއްދޫގެ ހުޅަނގު ފަރާތަށް އުދައަރައި ރަށް ގިރުމުގެ ސަބަބުން އެ ސަރަހައްދުގެ ގޯތިތަކުގެ ތެރެއިން 17 ގޯއްޗެއް މީގެ ކުރިން ވެސް ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވެ އެވެ. އަދި 2010 ވަނައަހަރު އުދައެރުމުގެ ސަބަބުން އެ ސަރަހައްދުން މީހުން ބަދަލުކުރަން ވެސް ޖެހުނެވެ.
ދިއްދޫ ކައުންސިލް އިދާރާއިން ބުނީ އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ތޮށިލުމުގެ މަސައްކަތް ކުރާ ނަމަވެސް 300 މީޓަރުގެ ދިގު މިނުގެ ތޮށިގަނޑެއްލާން ކުރީގެ ސަރުކާރުން ނިންމާފައިވާ ކަމަށާއި ނަމަވެސް އެތޮށި ގަނޑު އިތުރު 100 މީޓަރަށް އިތުރުކޮށްގެން ނޫނީ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވޭނެ ކަމަށެވެ.
"މިހާރުވެސް ތޮށިލުމުގެ މަސައްކަތް އެބަކުރޭ. ނަމަވެސް އެތޮށިލާ ސަރަހައްދުން ފެށިގެން 356 މީޓަރު ދިގުމިނުގައި ތޮށި ލާން ނިންމަފައިވަނީ . މިހާރު އުދަ އަރަމުން ދާ ހިސާބަށް ތޮށިގަނޑު ފޯރާނީ ވެސް އިތުރަށް 100 މީޓަރު އިތުރުކޮށްގެން އެހެންނޫނީ އެސަރަހައްދު ހިމާޔަތެއް ނުކުރެވޭނެ." މަމްދޫނު ވިދާޅުވި އެވެ.
ފަހަކަށް އައިސް ދިއްދޫ ވަރަށް ބޮޑަށް ގިރަމުންދާއިރު ތަފާތު ފަހަރު މަތިން ވަނީ އުދަ އަރާފަ އެވެ. އެރަށުގެ ބައެއް މީހުން ބުނީ ރަށަށް އުދަ އަރަން ފެށީ ބިން ހިއްކި ފަހުން ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނއަހަރު ދިއްދޫން 4.4 ހެކުޓަރުގެ ބިމެއް ވަނީ ހިއްކި އެވެ..
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ދިއްދޫގެ އިތުރުން އައްޑު އަތޮޅުގެ ބައެއް ރަށްރަށަށް ވެސް މިއަދު އުދަ އަރާފައިވާ ކަމަށެވެ. ނަމަވެސް އުދައާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.