04 Mar 2024, 10:24
އިސްރާއީލު ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑައިލުމަށް އެމެރިކާއިން ގޮވައިލައިފިއެވެ.
އެގޮތަށް ގޮވައިލައިފައި ވަނީ އެމެރިކާގެ ނާއިބު ރައީސް ކަމާލާ ހެރިސްއެވެ. ހަރީސް ވަނީ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި ހާލުގައިޖެހިފައިވާ މީހުންނަށް ބޭނުންވާނެ އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރު ކުރުމަށް ވެސް ގޮވައިލައިފައެވެ.
"އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ފެންނަނީ އާއިލާތަކުން ފަތް ނުވަތަ ޖަނަވާރުގެ ކާނާ ކާ ކަމުގެ ރިޕޯޓު. ސިއްހީ ފަރުވާ މަދު ނުވަތަ އެއްވެސް ފަރުވާއެއް ނުލިބި ތުއްތު ކުދިން ވިހެއުމާއި ކާނާ ނުލިބުމާއި ފެން މަދުވުމުގެ ސަބަބުން މަރުވާ ކުދިން." ހެރިސް ވިދާޅުވިއެވެ.
ޣައްޒާގައި އިސްރާއީލުން ކުރިއަށް ގެންދާ ޖަރީމާތަކާ ގުޅިގެން ފަހަކަށް އައިސް އެމެރިކާގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އިސްރާއީލަށް އަމާޒުވެފައެވެ.
ގަތަރާއި މިސްރު އަދި އެމެރިކާ މެދުވެރިވެގެން އިސްރާއީލާއި ޣައްޒާގެ ވެރިކަންކުރަ ހަމާސްއާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާއިން ވަނީ ވައިގެ މަގުން ޣައްޒާއަށް އިންސާނި އެހީ ފޯރުކޮށްދީފައެވެ.
ވައިގެ މަގުން އެހީ ފޯރުކޮށްދީފައިވާއިރު، ސައިޕްރަސް މެދުވެރިކޮށް ކަނޑު މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ވެސް އެމެރިކާއިން އަންނަނީ ވިސްނަމުންނެވެ.
ހަނގުރާމަ މެދުކަނޑައިލުމަށް އެމެރިކާއިން ގޮވައިލަފައިވާއިރު، މިހާރުން މިހާރުން ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓައިލުމަށް ބާރުއެޅުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ކުރިމަތިވެފައިވާ ޕްރެޝަރު ވެސް ވަނީ އިތުރުވެފައެވެ.
ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ގޮވައިލި ނަމަވެސް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަކީ އެމެރިކާއެވެ.