04 Mar 2024, 09:30
ބްރެޒިލްގެ ޖިއު-ޖިޓްސޫ (ބީޖޭޖޭ) ލެޖެންޑް، އަދި މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ގެ ފަންނުވެރިޔާ ރޮއިސް ގްރޭސީ އިސްލާމްވެއްޖެއެވެ.
އޭނާ އިސްލާމްވީ ޔޫޓިއުބް ވީޑިއޯ އުފައްދާ މުސްލިމެއް ކަމަށްވާ އެޑީ ރެޑްޒޮވިޗް އަދި މަޝްހޫރު ދަރުސްވެރިޔާ ޝައިޚް ޢުޘްމާން އިބްނު ފާރޫޤާއި ބައްދަލުވުމުން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެޑީ ރެޑްޒޮވިޗްއަކީ ވެސް ކުރީގެ މާޝަލް އާޓިސްޓެކެވެ.
ހުކުރު ދުވަހު ދައްކާފައިވާ ރެޑްޒޯވިޗްގެ "ދަ ދީން" ޝޯގެ އެންމެ ފަހުގެ އެޕިސޯޑުގައި ޔޫއެފްސީ މުބާރާތުގެ ފުރަތަމަ އަދި ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ގްރޭސީ ވަނީ އިސްލާމްދީނާ މެދު އޭނާގެ ހިޔާލުތަކާއި ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ އަމަލާ ގުޅޭގޮތުން ޚިޔާލު ފާޅުކޮށްފައެވެ.
އަދި މާތްވެގެންވާ ސިޓީ މައްކާއަށް ޒިޔާރަތް ކުރުމަށް ބޭނުންވާ ވާހަކަ ދައްކައިފައެވެ. އަދި އޭނާ އަކީ ރާ ބޮއެ އޫރު މަސް ވެސް ކާ މީހެއް ނޫން ކަމަށް ގްރޭސި ބުންޏެވެ.
ގްރޭސީ އިސްލާމްވި ޚަބަރު އާންމުވެފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމެންގެންދާ ހަމަލާތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.
"އިސްރާއީލުގައި ހިނގަމުންދާ ކަންތައްތަކުގެ ވާހަކަ ފުރަތަމަ އަޑުއެހިއިރު، އެތަނުގައި ތިބި ރައްޓެހިންނާ އަމިއްލައަށް ގުޅިން. އެކަމަކު މިހާރު، އަޅުގަނޑު ބޭނުންވަނީ ސާފުކޮށް ދަންނަވާލަން އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާއެކު، އަދި އަޅުގަނޑު މިހުރީ އިސްރާއީލާއެކު ޓެރަރިސްޓް ޖަމާއަތްތަކާ ނުވަތަ އެއްވެސް ކަހަލަ ޓެރަރިޒަމަކާ ދެކޮޅަށް." ގްރޭސީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައިވެއެވެ.
އެ ޕޯސްޓާއި ގުޅިގެން ރެޑްޒޮވިޗް ވަނީ ގްރޭސީއާއެކު ބައްދަލުވުމެއް ހަމަޖައްސައިފައެވެ. އެ ބައްދަލުވުމުގައި ފަލަސްތީނުގެ ވާހަކަ ކިޔައިދިނުމުން ގްރޭސީ ވަނީ ޝަހާތަދުގެ ދެކަލިމަ ކިޔައި އިސްލާމުވެފައި ކަމަށް ރެޑްޒޮވިޗްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.