03 Jun 2012, 14:23
އިޓަލީގައި މި އަހަރު ބާއްވާ ރެޑްބުލް ސްޓްރީޓް ސްޓައިލް ވޯލްޑް ކަޕުގައި ރާއްޖޭން ވާދަކުރާނެ ބައިވެރިއަކު ހޮވުމަށް ބާއްވާ (ރެޑް ބުލް ސްޓްރީޓް ސްޓައިލް) މުބާރާތް އިއްޔެ ފަށައިފި އެވެ.
މާފަންނުކޮޅު އޮންނަ ލައިސަންސް ނަގާ ސަރަހައްދުގައި އިއްޔެ ފެށި މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ޔޫރޯ މާކެޓިން ޕްރެވައިޓް ލިމިޓެޑުގެ މަރިޔަމް ނީނާ ބުނީ، ރެޑްބުލް ސްޓްރީޓް ސްޓައިލް ވޯލްޑް ކަޕުގައި ރާއްޖޭން ވާދަކުރާނެ ބައިވެރިއަކު ހޮވުމަށް އިއްޔެ ފެށި މުބާރާތުގައި ޖުމްލަ 13 ބައިވެރިއަކު ވާދަ ކޮށްފައިވާ ކަމަށެވެ.
ނީނާ ބުނީ ދެން އެންމެ އަވަހަށް ވެސް މެޗްތައް ކުޅެވޭނީ އަންނަ ހޮނިހިރު ދުވަހު ކަމަށާއި އެދުވަހު ކުރިއަށްދާނީ މުބާރާތުގެ ނޮކްއައުޓް ބުރުތައް ކަމަށެވެ. އަދި އެދުވަހުގެ މެޗްތަކަށް ފަހު އަށް ކުއްޖަކު ހޮވާނެ ކަމަށާއި އެ އަށް ކުދިން ދެން ވާދަކުރާނީ ސެމީ ފައިނަލްގައި ކަމަށެވެ. ސެމީ ފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ކާނިވަލްގަ އެވެ.
މުބާރާތުގެ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ހަ ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ކަމަށް ވެސް ނީނާ ބުންޏެވެ.
މުބާރާތުގައި ފުރަތަމަ ހުނަރުތައް އިއްޔެ ދައްކާލިއިރު، 2010 ވަނަ އަހަރު ރާއްޖޭގައި ރެޑްބުލް ސްޓްރީޓް ސްޓައިލްގެ ޗެމްޕިއަން މުހައްމަދު ސައިފް (ސުޕަމޭން)ގެ ހުނަރުތައް ވެސް އިއްޔެ ވަނީ ފެނިފަ އެވެ.