ނ. މިލަދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރު، ނަސްރުﷲ މުހައްމަދު ވިދިވިދިގެން ކައުންސިލްގެ ހަތް ޖަލްސާ ަައަކަށް ހާޒިރު ވެފައިނުވާތީ، އޭނާގެ މަޤާމް ގެއްލިފައިވާ ކަމަށް ބުނެ، އެ ކައުންސިލުން އެލްޖީއޭ އަށާއި އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.

މިލަދޫ ކައުންސިލުން ބުނީ އޭޕްރީލް މަހުގެ، 26 ވަނަ ދުވަހުން ފެށިގެން، މެއި 31ގެ ނިޔަލަށް، މިލަދޫ ކައުންސިލުން ބާއްވާފައިވާ ނުވަ ޖަލްސާއަކަށް ނަސްރުﷲ ހާޒިރުވެފައިނުވާ ކަމަށާއި ގާނޫނުގައިވާ ގޮތުން ނަސްރުﷲގެ މަގާމް މިހާރު ގެއްލިފައި ކަމަށެވެ.

މިލަދޫ ކައުންސިލުން އިލެކްޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެމްޑީޕީގެ މެމްބަރު ނަސްރުﷲގެ ގޮނޑި ހުސްވެފައި ވާތީ، ވީއެންމެ އަވަސް މުއްދަތެއްގައި ބައި އިލެކްޝަން ބާއްވައި ދިނުމަށްއެދޭ ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރްކަޒީ އުސޫލުން ހިންގުމާ ބެހޭ ޤާނޫނުގެ 119 ވަނަ މާއްދާގެ (ށ)ގައި ބުނާ ގޮތުން "މަޤްބޫލް އުޒުރެއް ނެތި ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުނުވުމުން" މަގާމު ގެއްލޭނެ އެވެ.

މިލަދޫ ކައުންސިލުން ބުނީ ކައުންސިލްގެ މެމްބަރަކު ރަށުން ބޭރަށް ދާން ވާނީ، އެކަން ކައުންސިލްގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް ނަސްރުﷲ ރަށުން ބޭރަށް ދިޔައީ ކައުންސިލަށް ނާންގައި ކަމަށެވެ.

ނަސްރުﷲ މިދިޔަ މަހު ކައުންސިލްގެ ޖަލްސާތަކަށް ހާޒިރުވެފައިނުވާތީ، އެ މައްސަލަ ބަލައި ދިނުމަށް އެދި މިލަދޫ ކައުންސިލްގައި ހިމެނޭ ޑީއާރުޕީގެ ދެ މެމްބަރުން ވަނީ ކައުންސިލަށް މައްސަލައެއް ވެސް ވައްދައިފަ އެވެ.

މިލަދޫ ކައުންސިލުން ބުނީ މިވޭތުވެ ދިޔަ ފަސް މަހު، ނަސްރުﷲ ކައުންސިލް އިދާރާ އަށް ހާޒިރުވެ، ސޮކޮށްފައި ވަނީ 58 ދުވަހު ކަމަށާއި މިދިޔަ މަހު ހާޒިރުވެފައި ވަނީ ތިން ދުވަހު ކަމަށެވެ.

ނަސްރުﷲ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހައްޔަރުކޮށްފަ އެވެ.

ކޯޓް އަމުރެއްގެ ދަށުން، މާލޭ "އުސްފަސްގަނޑު" ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރި އިރު، އެ ސަރަހައްދުގައި ހަމަނުޖެހުންތައް ހިންގި ކަމުގެ ތުހުމަތުގައި ވެސް އެ ދުވަހު ނަސްރުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.