ޕްރައިވެޓް ކްލިނިކްތަކަށާއި ހޮސްޕިޓަލްތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރާނީ އަގުގެ ހިފެހެއްޓުންތަކަކާ އެކު ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އެންސުޕާގެ ޗެއާމަން ތޯރިގު އަލީ ލުތުފީ ވިދާޅުވީ ޕްރައިވެޓް ކްލިނިކްތަކަށް އާސަންދައިން ހިދުމަތް ދެވޭނީ އެ ކުންފުނިން ކަނޑައަޅާފައި އޮންނަ އަގުތަކަށް އެއްބަސްވާ ތަންތަނަށް ކަމަށާއި އެއަށް ވުރެ ބޮޑު އަގުގައި ހިދުމަތް ދޭނަމަ ސްކީމުން ކަވަރު ނުކުރާ ބައި ކަސްޓަމަރުންގެ އަތުން ޗާޖްކުރުމުގެ އިހުތިޔާރު ވެސް އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ރީޒަނަބްލް ރޭޓްތަކެއް ފިކްސްކޮށްފައި ހުންނާނީ. އެބޭފުޅުން [ޕްރައިވެޓް ކްލިނިކްތަކުގެ] ކަމެއް އެއީ އަޅުގަނޑުމެންގެ ސްކީމުން ކަވަރު ނުކުރާ ބައި ކަސްޓަމަރުންގެ އަތުން ނެގުން، އޭރުން އެބޭފުޅުންގެ ޑިމާންޑަށް އަސަރުތަކެއް ކޮށްފާނެ، އަޅުގަނޑުމެންގެ ސްކީމުން ކަވަރުކުރާނީ އަޅުގަނޑުމެން ދީފައި ހުންނަ ރޭޓްތަކާ ހަމައަށް،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ހިދުމަތް ލިބޭ އަންނަ ގޮތަށް އާސަންދަ ސްކީމުން ލިބޭ ހުރިހާ ހިދުމަތެއް އެ ލިމިޓްތަކާއި ހަމައަށް ޕްރައިވެޓް ކްލިނިކްތަކުން ވެސް އަދި ހޮސްޕިޓަލްތަކުން ވެސް ލިބޭނޭ ކަމަށެވެ. އަދި ސްކީމުން ލިބޭ އެއްވެސް ހިދުމަތެއް ހަނިނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ސްކީމުން މިހާރުވެސް ލިބޭ ހިދުމަތްތައް އެގޮތަށް ލިބޭނެ. އަޅުގަނޑުމެން ވަކި ޕްރައިވެޓް ކްލިނިކްތަކުންވީމަ އެ ސްކީމް ހަނިކުރާ ގޮތަކަށް ނޫން އަދި އޮތީ. ހަމަ މިހާރު ވެސް ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ،" ތޯރިގު ވިދާޅުވި އެވެ.

އާސަންދަ ކުންފުނިން މިހާރުވަނީ އެ ސްކީމުން ހިދުމަތް ދޭން އެދޭ ކްލިނިކްތައް ރަޖިސްޓްރީ ކުރަން ފުރުސަތު ހުޅުވާލައިފަ އެވެ. ތޯރިގް ވިދާޅުވީ ޕްރައިވެޓް ސެކްޓަރުން ވެސް އެ ސްކީމުން ހިދުމަތް ދިނުމަށް ތިބީ ޕޮޒިޓިވްކޮށް ކަމަށާއި ގިނަ ކްލިނިކްތަކެއް ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެބޭފުޅުން މީގެ ކުރިން ވެސް ހިތްހަމަ ޖެހިވަޑައިނުގެން އުޅުއްވީ އެއް ހަމައަކުން އެއް އުސޫލަކުން ބައިވެރި ނުކުރީމަ، އެ ނޫން މައްސަލަތަކެއް އޭރަކުވެސް ނެތް، އެބޭފުޅުން ތިއްބެވީ ޕޮޒިޓިވްކޮށް،" ތޯރިގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިމަހުގެ ތެރޭގައި ކޮންޓްރެކްޓްތައް ނިމުމުން އާސަންދައިގެ ހިދުމަތަށް އެދިފައި ހުރި ކްލިނިކްތަކަށް ހިދުމަތް ފޯރުކޮށްދެވޭވަރު ވާނެ ކަމަށެވެ.

ސަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި އަގުގެ ހިފެހެއްޓުންތަކެއް ހުރެގެން ބައެއް ކްލިނިކްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ބައެއް ކްލިނިކްތަކުން ބޭނުންވަނީ އާސަންދަ ކުންފުނިން އަގު ކަނޑަނާޅައި އެތަންތަނުން ދޭ ކޮންމެ އަގެއް ސްކީމުން ކަވަރުކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ހިދުމަތްދެވޭނޭ އުސޫލެއް ނޫންކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

"އެބޭފުޅުންނަށް ނުލާހިކު ކުޑަ ކުއްޔެއްގައި މި ހުންނަނީ ތަންތަން ވެސް ދީފައި، އެކަމަކު އެބޭފުޅުން އެބަ ބޭނުންވޭ އަޅުގަނޑުމެންގެ ސްކީމުން އެބޭފުޅުން ހަމަ އޮފާކުރައްވާ އަގެއް ކަޑަން، އެކަމަކު ސޯޝަލް ހެލްތް އިންޝުއަރެންސަކުން އެކަމެއް ނުވާނެ ދެއްތޯ އެހެނެއް، އެކަން އެގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައި ވަނީ އާސަންދަ ޕްރައިވެޓް ދޫކޮށްލެވެންޖެހޭނީ ކޮންޓްރޯލް ގޮތަކަށް ކަމަށެވެ. އެހެންނޫނީ ބަޖެޓްގައި ކަނޑައެޅިފައިވާ ފައިސާއިން ފޫނުބެއްދޭނެ ކަމަށް ވިދާޅުވި އެވެ.
އާސަންދަ ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިހާރު ވަނީ ގޮތްތަކެއް ކަނޑައަޅައި ފާސްކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

އާސަންދައިގެ ހިދުމަތަކީ ކޮންމެ މީހަކަށް ވެސް އަހަރަކު 100000ރ. ގެ ބޭސްފަރުވާ ކުރެވޭ ސްކީމެކެވެ.